ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީޤު ވަޅުލައިފިއެވެ.

އަންޖުމްގެ ހަށިގަނޑު ވަޅުލާފައި ވަނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައެވެ. އަންޖުމްގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވިއެވެ.

އަންޖުމް ނިޔާވީ ރޭ އޭނާގެ މަންމަ އާއި އެކު ސައިކަލްގައި ދަނިކޮށް ސިނަމާލެ ބުރިޖުން ހުޅުމާލެ އަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އަންޖުމް އާއި އޭނާގެ މަންމަ ތިބި ސައިކަލްގައި ބަހެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ފާތިމަތު އަންޖުމް ޝަފީޤު ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

އެކްސިޑެންޓްވުމާއި އެކު އެ ކުއްޖާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އެކުއްޖާގެ މަންމަ އަށް ވެސް އަނިޔާވިއެވެ. ނަމަވެސް މަންމަގެ ހާލު ރަނގަޅެވެ.

މަންޒަރު ދުށް މީހުން ބުނީ ފަހަތުން އައި ބަސް، ސައިކަލްގައި ޖެހުމާ އެކު އެ ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ވިއްސައިގެން ގޮސް ތާރުގަނޑުމަތީގައި ބޯޖެހުނު ކަމަށެވެ.

މިއީ ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓްގައި މިއަހަރު ނިޔާވި ދެވަނަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުމަރުމަނިކު

    ވަރަށް ދެރަ ވެއްޖެއް. ހައްދަވާބޮޑުވެރި ރަސްކަލާކޯ އަންޖުމް ފަދަ ދަރިއެއް އެދެމެފިރިން ދެއްވާދޭ! އާމީން.

    46