ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް އަތްބާނުއްވަން އުޅުއްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު، ރުޅި ދުރުވެގެން، މިއަދުގެ މަޖިލިސް ޖަލްސާ ދޫކޮށް ވަޑައިގެންފިއެވެ.

ޖާބިރު ރުޅި ދުރުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ހޮވުމަށް ރައީސް ޞާލިހު ހުށަހަޅުއްވާފައިވާ ނަންތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޝަނުން ދިރާސާކޮށް، ނިންމެވި ގޮތުގެ ރިޕޯޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ. އެ ރިޕޯޓު މަޖިލިހަށް ހުށަހެޅުއްވީ އެ ކޮމެޓީގެ މުޤައްރަރުގެ ހައިސިއްޔަތުން، މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް އެވެ.

އާ ޤަވާއިދުގެ ހުށަހަޅުއްވާފައިވާ ރިޕޯޓުގެ ދަށުން ނެރެން ޖެހޭ ނަތީޖާ "މުގައްރަރު" ކޮށްފައިވާތީ ޖާބިރު ވަނީ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމްގެ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ތަހުޒީބުވަމުން ދާތަން. ކުރީގަ ކޮމެޓީއަށް މީހުން ގެންދަނީ. އަޅުގަނޑުގެ އަންހެނުން ދިޔާނާ ސަޢީދު އާއި މަހާޒް ކިޔާ ބޭފުޅަކުގެ މައްސަލަ ބަލަން ހުރި ކޮމެޓީއެއްގައި ކީއްވެގެންތޯއޭ އެގޮތަށް ރައްޔިތުންގެ ޙިޔާލު.. އަޅުގަނޑަކަށް ނޭނގޭ މަހާޒް އަކީ ކާކުކަން ވެސް. ހަމަ ގައިމުވެސް ދިޔާނާ އަޅުގަނޑަށް އެނގޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ލައްވާ، ރާއްޖޭގެ ކޯޓުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އަތްބާނަން އުޅުއްވާ ކަމަށެވެ. "އަތް އުފުރާލާނަމޭ. ޤައުމީ ސަލާމް ކިޔަން އެބަޖެހޭ. އަޅުގަނޑު ބޭނުންވަނީ ޤައުމުގައި ފަނޑިޔާރު ގެއަށް މީހަކު ލާއިރު، ކާކުކަން އަޅުގަނޑަށް އެނގެން ޖެހޭނޭ. އެއީ ދިޔާނާ ކަމަށްވިއަސް، އެހެން މީހަކަށް ވިއަސް. އިބްރާހީމް މުހައްމަދު ޞާލިހު ދަޢުލަތުން ވައްކަން ކުރިއަސް އަޅުގަނޑުމެން މިތިބީ އަޑުއަހަން." ޖާބިރު ވިދާޅުވިއެވެ. އެހިސާބަށް ވާހަކަފުޅު ދައްކަވާފަ ޖާބިރުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ފަނޑިޔާރުގެއިން ވައްކަން ކުރާ ހިސާބަށް ދިޔައީމަ، ދެން އަޑެއް ނީވޭނެ. ފަނޑިޔާރުގެއަށް އަތް ބޭނުން މަނާ ކުރަން....." ޖާބިރު އެ ހިސާބަށް ވާހަކަފުޅު ކުރިއަށް ގެންދަނިކޮށް އިނގުރައިދޫ ދާއިރާގެ މެމްބަރު، ހަސަން އަހްމަރު (ހަސަންޓޭ) ނިޒާމީ ނުކުތާއެއް ނެންގެވުމާއެކު، ރިޔާސަތުން ޖާބިރުގެ މައިކްގެ އަޑު ކަނޑާލެއްވިއެވެ. މައިކް ކަނޑާލެއްވުމުންވެސް، ޖާބިރު އޭނާގެ ގާތަށް އައިސްފައި ހުރި ރުޅީގައި އެއްޗެހި ކިޔުއްވަމުން ގެންދެވިއެވެ. އަތުންނާއެކު، ޖާބިރު ގެންދެވީ އޭނާގެ ރުޅިގަނޑު "ފިލުވަމުންނެވެ." ހަސަންޓޭ ވާހަަކަފުޅު ދައްކަން ފެށުމާއެކު ޖާބިރު އައިސްފައި ހުރި ރުޅީގައި ވަނީ މަޖިލިސް ދޫކޮށް ވަޑައިގެންފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފޯރިގަދަ އެއް މެމްބަރު، ޖާބިރު، މިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާ ދޭތެރޭ މިހާ ބޮޑަށް ކޯފާ އިސްވެފައިވަނީ އޭނާގެ އަނބިކަނބަލުން، ދިޔާނާ ސަޢީދު، ސުޕްރީމް ކޯޓުގެ ބެންޗަށް ހޮވުމާމެދު، ރައީސް ސޯލިހު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީ މެމްބަރުން އެއްބަސްނުވެ، މަހާޒް އަށް އެ ފުރުސަތު ދީފައިވާ ދަނޑިވަޅެއްގައެވެ.

މި ސަރުކާރު ގެނައުމަށްވެސް ޖާބިރު އެތައް ހޭދައެއް ކޮށްފައިވާ ކަމަށް އޭނާ ބުނަމުންދާއިރު، އޭނާގެ ވިޔަފާރިތަކަށް "ކުރީގެ ސަރުކާރުގައި ލިބިފައިވާ ގެއްލުމުގެ ބަދަލް" ނުލިބޭތީވެސް ޖާބިރު ހުންނަވަނީ ރައީސް ޞާލިހު އާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.