މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ، ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ދަޢުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ނެގުމަށް މިއަދު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލަ ކުރިއަށް ގެންދިއުން ފަސްކޮށްދެއްވުމަށް، މައްސަލައިގައި ދަޢުވާ ލިބޭ، އިސްމާޢިލް ހައިޝަމް ރަޝީދުގެ ދިފާޢީ ވަކީލް އެދިވަޑައިގެންފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މިއަދު ޝަރީޢަތުގައި، އިޖްރާޢީ ނުކުތާއެއް ފާހަގަކުރައްވަމުން، ހައިޝަމް ރަޝީދުގެ ދިފާޢީ ވަކީލް، ޔާމީން ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހަށް އިރުއަރައިގެން އައީ، މި މައްސަލަ ބައްލަވާ ޤާޟީ ދިރިއުޅުއްވާ ގެކޮޅަށް، ކޯރާޑިއަކުން ބަޔަކު ގެއްލުން ދީފައިވާ ޚަބަރާއި އެކު ކަމާއި، އެ ނުރައްކާތެރި ޙާދިޘާ ހިނގާފައިވާ ދަނޑިވަޅެއްގައި އެކަން ތަޙުޤީޤުކޮށް ނުނިމެނީސް، ޤާޟީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ، މައްސަލައިގެ އިންސާފާއި ހަމައަށް ދިއުމަށް އޮތް ހުރަހެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އިއްޒަތްތެރި ޤާޟީ. ޤާޟީގެ އިޒުނައާއި އެކު، އިޖްރާޢީ ނުކުތާއެއް ފާހަގަކޮށްލަން އަޅުގަނޑު ބޭނުން. ނޮވެމްބަރ 12 ވަނަ ދުވަހަށް އިރުއަރައިގެން އައީ އިއްޒަތްތެރި ޤާޟީގެ ގެކޮޅަށް ކޯރާޑިއަކުން ހަމަލާދީފައިވާ ޚަބަރާއި އެކު. ދޮރުގައި ލިޔެފައިވާ އެއްޗެއްވެސް މިހާތަނަށް އައިއިރު ހާމަކޮށްފައެއް ނެތް. އިންސާނާގެ ޠަބީޢަތުގައި ހުންނަ ކަންކަމީ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ ކަންކަން. މިކަން މިގޮތަށް ހިނގާފައިވާ ދަނޑިވަޅެއްގައި، އިއްޒަތްތެރި ޤާޟީއަށް ނަފްސާނީގޮތުން އަސަރުތަކެއް ކުރާނޭ ކަމީ، އެކަށީގެންވާ ތިން ވަނަ ފަރާތެއްގެ ވިސްނުމުން ވިސްނާއިރު ޤާބޫލުކުރެވޭ ކަމެއް. އެހެންކަމުން، އަޅުގަނޑު އެދެނީ، އެ މައްސަލަ ތަޙުޤީޤުކޮށް ނިމެންދެން، ޔާމީން ރަޝީދުގެ މައްސަލަ ފަސްކޮށްދެއްވުމަށް." ވަކީލް ވިދާޅުވިއެވެ.

ދިފާޢުން ފާހަގަކުރެއްވި ނުކުތާއާއި ގުޅިގެން، ދަޢުލަތުން ވިދާޅުވީ، ޤާޟީގެ ގެކޮޅަށް ކޯރާޑިއަކުން ޙަމަލާ ދީފައިވަނީ މި މައްސަލައާއި ގުޅިގެން ކަމަށް ދަޢުލަތަށް ޤަބޫލުނުކުރެވޭ ކަމަށާއި، މައްސަލަ ފަސްނުކޮށް ކުރިއަށް ގެންގޮސްދެއްވުން އެދޭ ކަމަށެވެ.

ދިފާޢުންނާއި، ދަޢުލަތުން ފާހަގަކުރި ކަންކަމާއި ގުޅިގެން، ޤާޟީ ޢަލީ ރަޝީދު ޙުސައިން ވިދާޅުވީ، ޤާޟީންނަކީ ވަކި ހުވައެއް ކޮށްގެން ތިބި ބައެއް ކަމަށާއި، ޝަރީޢަތް ހިންގަންވާނީ، 24 ގަޑިއިރު އެކަމަށް ތަޙުޞީޞްވެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ހިނގާދިޔަ ޙާދިޘާ އާއި ގުޅިގެން އެއްވެސް ބިރުވެރިކަމެއް ހިތުގައި ނެތް ކަމަށާއި، ނަފްސާނީ އެއްވެސް މައްސަލައެއްވެސް ނެތް ކަމަށެވެ.

ޤާޟީ އަލީ ރަޝީދު ދިރިއުޅުއްވާ ގެކޮޅަށް ގެއްލުންދީ، އިންޒާރު ދިން މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ޔާމީން، ޔޫ އާ މައި ހީރޯ.

    2
    67
  2. ޖަހާންގީރު

    އިސްލާމް ދީނަށް ފުރައްސާރަކުރި މުރުތައްދަށް ނަރަކައިގެ އެންމެ އަޑި މިންވަރު ކުރައްވާށި އާމީން

    68
    • ކަހީ

      އާމީން