ރޭ ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގެ މަންޒަރު ފެނުނު މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދު ވިދާޅުވީ، ރޭގެ އެކްސިޑެންޓުވި މަންޒަރު ފެނުނު ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުން އެދޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ 22:40 ހާއިރު ހުޅުމާލެ ނިރޮޅު މަގުން އައިސް ހަލިމަގަށް އަރާ ހިސާބު ޓާމިނަލް ކައިރިން ސައިކަލާއި ބަހެއް ޖެހިގެން އެކްސިޑެންޓް ވެފައި ވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 51 އަހަރުގެ އަންހެނަކު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށާއި، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ރޭ ވިދާޅުވިގޮތުގައި، ސައިކަލަކާއި ބަސް ޖެހި އެކްސިޑެންޓް ވުމުން ބަސް މަޑުނުކޮށް ގޮސްފައެވެ. އަދި ބަސް ހުއްޓުވާފައި ވަނީ ހަލިމަގުގައި ޔޫޓާން ނަގާ ސަރަހައްދުންނެވެ.

މި ހާދިސާ ހިނގިިއިރު، ބަސް ދުއްވަން އިނީ 54 އަހަރުގެ ފިރިހެނެކެެވެ. އޭނާ ވަނީ ހައްޔަރުކޮށްފައެވެ.