ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރުންތަކެއް ތުހުމަތުކުރައްވައި ވާހަކަދައްކަވައިފިއެވެ.

މިގޮތަށް މިއަދު އޮތް ކޮމެޓީގައި ވާހަކަދައްކާފައި ވަނީ، އެމްޑީޕީގެ ބައެއް މެންބަރުންނެވެ.

ޖޭއެސްސީން ވަނީ މިއަދު އުއްތަމަ ފަނޑިޔާރާއި، އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހަށް ސަސްޕެންޑްކޮށްފައެވެ. މި ދެ ބޭފުޅުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން ނިންމާފައެވެ.

އަދި އެ ކޯޓު ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފްއާ މިއަދު ވަނީ ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީން އެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައި ވަނީ އެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރެއިން ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގާނޫނުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމުމުން، އެ ނިންމުން ބާތިލު ކުރުމަށް ފިޔަވަޅު އެޅި ފަނޑިޔާރަކު ވަޑައިގެން އެ ބޭފުޅަކު އިންނަވާ ކޯޓަށް ހުށަހަޅާ ބާތިލު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މިގޮތަށް ޖޭއެސީން ފިޔަވަޅު އެޅުމުން ދެން ފަނޑިޔާރުންނަށް ދެވޭނެ އިތުރު ކޯޓެއް މިހާރު ޖޭއެސްސީގެ ގާނޫނަށް ގެނައިސްފައިވާ އިސްލާހުގެ ތެރެއިން ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު އެބަ ލިބޭ އުއްތަމަ ފަނޑިޔާރު އެބަ އުޅުއްވައޭ ޖޭއެސްސީގެ ނިންމުންތަކާ ގުޅިގެން އެހެން ނިންމުންތައް ނިންމަން ކަމަށް. ޖޭއެސްސީގެ ނިންމުން ބާތިލު ކުރަން އުޅޭ ކަމަށް ވެސް" ހަސަން ލަތީފް ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޖޭއެސްސީން ގޯސްކޮށް ކަމެއް ކުރާ ނަމަ އެކަން ބަލައި އެ ކޮމިޝަން ޖަވާބުދާރީ ކުރުވާނީ މަޖިލީހުން ކަމަށާއި، އަދި އެކަން އިޖުރާއަތުތަކާ އެއްގޮތަށް ކޮށްފައިވާ ނަމަ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެކަމަށް ގޮތް ކަނޑައަޅާނީ ތަޅުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިސަރުކާރު މަރަށް ތެޅޭހެން ތެޅިފޮޅެނީ، އެބައެއްގެ ނިމުން ގާތްވެއްޖެނަމަ ހެދޭ ގޯސް ގިނަވާނެ، ރަނގަޅަށް ކުރެވޭ އެއްކަމެއްވެސް ނޯންނާނެ، މިކަންކަމުގެ ފަހަތުގައިވެސް ކޮންމެވެސް ޙިކްމަތެއް ވާނެ، ހުރިހާކަމެއްވެސް މޮޅަށް ދެނެވޮ ޑިގެން ވަނީ މާތްﷲ.

    30
    2
  2. ލޮލް

    މުއީޒު އިނީ ފެށުނީއްސުރެ ނިމެންދެން ފޯނުން ގޭމްކުޅެން.

    12
  3. މލ

    ޖޭއެސްސީގެ ނަންބޯޑު އުވާލައި އެތަނުގެ މެންބަރުންގެ މެންބަރުކަން ބާތިލްކުރުމަށް ތާއީދުކުރަމެވެ ޖޭއެސްސީއަކީ
    ކެނެރީގެއިން އަންނަ އަމުރުތައް ތަންފީޒްކުރާތަނަކަށް ވުމަކީ
    ގައުމު ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމެކެވެ.

    16
    1
  4. އާދަމްބެ

    ޖޭއެސްސީ އުވާލުން ލަސްވެއްޖެ. މަޖިލިސް ވެސް އުވާލަންވީ.

    10
  5. ކަނހަބުު

    ޖޭއެސްސީ އުވާލާ ލާދީނީބައިގަނޑު ހައްޔަރުކުރޭ

    10
  6. ބުޅާގެ މާމަ

    މިތަން މީ ގައުމުގެ ހަލާކު