ގަވާއިދާއި ހިލާފަށް މަގުމަތީގައި ފާކުކޮށްފައި ހުރި އުޅަނދުތަކެއްގެ ވެރިފަރާތް ހަވާލުނުވެއްޖެނަމަ ވެހިކަލްތައް ނައްތާލާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން އުޅަނދުތައް ނުގެންގޮސްފި ނަމަ ގާނޫނާ އެއްގޮތަށް އެ އުޅަނދުތައް 60 ދުވަހުގެ ތެރޭގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ފުލުހުން ވިދާޅުވެފައި ވަނި ޓޯ ކުރަން ނިންމާފައިވާ އުޅަނދުތަކަކީ ގަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައިވުމާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އުޅަނދުތަކެއް ކަމަށެވެ.

އެގޮތުން މި ގަވާއިދުގެ ދަށުން 19 ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވިފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ސައިކަލުތަކުގެ ލިސްޓެއް ޓްވިޓާގައި އާންމު ކޮށްފައެވެ. މި ލިސްޓްގައި އެ ސައިކަލުތަކުގެ ރަޖީސްޓްރީ ނަންބަރުއާއި އިތުރު މައުލޫމާތުތައްވެސް ހިމެނާފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވި 77 މައްސަލައަކާއި އުޅަނދު ދުއްވިއިރު އަތުގައި ލައިސަންސް ނެތި ދުއްވި 44 މައްސަލައެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަވެފައިވެ އެވެ.

މީގެއިތުރުން ހެޑްސެޓް ޖަހައިގެން ސައިކަލު ދުއްވި 25 މީހެއްގެ މައްސަލައަކާއި ދުއްވަން އޮންނަ ސްޕީޑު ލިމިޓަށް ވުރެ ބާރަށް ދުއްވި ތިން މީހެއްގެ މައްސަލައިގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފުވި 19 މައްސަލައެއް ވެސް ނިމިދިޔަ ހަފްތާ ފާހަގަކުރެވިފައިވެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައިވެސް 30 އުޅަނދެއް ޓޯ ކޮށްފައި ވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞގގހ

    ނައްތާނުލާ ނީލަން ކިޔަންވީނުން

  2. މިނިވަންޚިޔާލު

    މިގޮތަށް ނައްތާލުމުގެ ބަދަލުގައި، ނީލަންކިޔުމުން، އިޤްތިޞާދައް ފައިދާ ކުރާނެކަމަށް ޤަބޫލު ކުރެވޭ.