34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިން ކުރުމާއި ޕްރޮޖެކްޓް މެނޭޖްމްންޓް ކޮންސަލްޓަންސީގެ މަސައްކަތް ކުރުމަާއި ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ އިންޑިޔާގެ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާވީރު ޝާހްއެވެ.

މި މަޝްރޫއުގެ ދަށުން ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރުކުރުމާއި، ޕްރިމިނަރީ ޑިޒައިން ތައްޔާރުކުރުމާއި، ޓެންޑަރިންގ މަރުހަލާގެ ހިދުމްތަކާއި އަދި ކޮންސްޓްރަކްޝަން ސްޕަވައިޒިންގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދާނެއެވެ.

މި މަޝްރޫއުގައި ހިމެނެނީ 17 ރަށުގެ ނަރުދަމާ ނިޒާމުގެ ޑިޒައިނިންގ މަސައްކަތާއި، 32 ރަށެއްގެ ފެނުގެ ނިޒާމުގެ ޑިޒައިނިންގ މަސައްކަތެވެ.

މި އެއްބަސްވުމުގެ ދަށުން ނަރުދަމާ ނިޒާމް ޑިޒައިންކުރާ ރަށްރަށަކީ ހދ.ވައިކަރަދޫ، ށ.ޅައިމަގު، ކ.ގާފަރު، އއ.ތޮއްޑޫ، އއ.މާޅޮސް، އދ.ދަނގެތި، އދ.ދިގުރަށް، ވ.ފެލިދޫ، ވ.ފުލިދޫ، ވ.ތިނަދޫ، މ.މަޑުއްވަރި، ފ.ދަރަނބޫދޫ، ދ.ބަނޑިދޫ، ތ.ހިރިލަންދޫ، ލ.މައިބަދޫ، ގދ.ފަރެސްމާތޮޑާ އަދި ގދ.ހޯނޑެއްދޫއެވެ.

އަދި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޑިޒައިނިންގ މަސައްކަތް ކުރިޔަށްގެންދާ ރަށްރަށަކީ، ހއ.ކެލާ، ހއ.ބާރަށް، ހދ.ވައިކަރަދޫ، ށ.ފުނަދޫ، ށ.ޅައިމަގު، ނ.މަނަދޫ، ޅ.ކުރެންދޫ، ކ.ގާފަރު، ކ.ކާށިދޫ، އއ.ތޮއްޑޫ، އއ.މާޅޮސް، އދ.ދަނގެތި، އދ.ދިގުރަށް. ވ.ފެލިދޫ، ވ.ފުލިދޫ، ވ.ތިނަދޫ، މ.ކޮޅުފުށި، މ.މަޑުއްވަރި، މ.މުލި، ފ.ބިލެއްދޫ، ފ.ދަރަނބޫދޫ، ދ.ބަނޑިދޫ، ދ.މިދޫ، ތ.ހިރިލަންދޫ، ލ.ގަން، ލ.އިސްދޫ، ލ.މާމެންދޫ، ލ.މައިބައިދޫ، ގއ.ދާންދޫ، ގއ.ގެމަނަފުށި، ގއ.މާމެންދޫ، ގދ.މަޑަވެލި، ގދ.ފަރެސްމާތޮޑާ އަދި ގދ.ހޯޑެއްދޫއެވެ.

މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

3 މިލިއަން ޑޮލަރުގެ މި ކޮންޓްރެކްޓުގެ މުއްދަތަކީ 40 މަސްދުވަހެވެ.