ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބެލި ލަސްވާތީ، އިދިކޮޅު ކޯލިޝަނުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ބެލުން އަވަސްކުރުމަށް ގޮވާލައިފިއެެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔަނޭއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ އެ ކޯލިޝަނުގެ މަސްލަހަތުވެސް ހިމެނޭ މައްސަލައަކަށް ވުމާއެކު، މި މައްސަލަ ނުބެލި ލަސްވާތީ އެކަމާއި އެ ކޯލިޝަނުން ކަންބޮޑުން ފާޅުކުރާ ކަމަށެވެ.

އަދި ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާއާއި ޚިލާފަށް ފަނޑިޔާރު އަލީ ރަޝީދު، ރައީސް ޔާމީނުގެ ޝަރީއަތާއި ބެހޭގޮތުން ވަކި މީޑިޔާއަކަށް މަޢުލޫމާތު ދީފައިވާ ކަމަށާއި، މި މައްސަލައަކީ ޖޭއެސްސީއިން ވަގުތުން ބަލަންޖެހޭ މައްސަލައެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

"އެހެން ނަމަވެސް ވަކި ތައައްސުބެއްގެ ތެރެއިން މި މައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން އެއްކިބާވެތިބެ ކަންކަން ކުރަމުންދާތީ އެކަން މި ކޯލިޝަނުން ކުށްވެރި ކުރަމެވެ. މި ކޯލިޝަނުން ދެކޭ ގޮތުގައި މިފަދަ ކަމެއް ހިނގާ ދިއުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށް ވެސް އެ މައްސަލައަކުން ތަނާޒުލްވާން ޖެހެ އެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ފަނޑިޔާރަކު، އެއްވެސްް ޝަރީއަތަކާއި ބެހޭގޮތުން މީޑިޔާއަކަށް މަޢުލުމާތު ދިނުމަކީ ފަނޑިޔާރުންގެ ގާނޫނު ނަމްބަރ 29 ވަނަ މާއްދާގެ ދަށުން ސުލޫކީ މައްސަލައެކެވެ. ފަނޑިޔާރު އަލީ ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.