އިންޑިޔާގެ ހިމާންޗަލް ޕްރަދޭޝްގައި ހިނގި ބަސް އެކްސިޑެންޓެއްގައި، އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބަސް އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ އިންޑިޔާއާ އެކުގައި ކަމަށާއި އިންޑިޔާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި މިޙާދިސާގެ އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.