މަގޫދޫގައި ކުނި އުކުމުގެ މަސައްކަތް ކުރިއަށް ދަނީ
މަގޫދޫގައި ކުނި އުކުމުގެ މަސައްކަތް ކުރިއަށް ދަނީ

ނ.އަތޮޅު މަގޫދޫގައި ރައްކާތެރިކަމާއި އެކު ކުނި ނައްތާލުމުގެ އުސޫލާއި ހިލާފު ވުމުން އެރަށުގެ ކައުންސިލަރަކު ޖޫރިމަނާކޮށްފިއެވެ.

މަގޫދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އުސޫލާއި ހިލާފަށް ކުނި އުކުމުން ޖޫރިމަނާ ކޮށްފައި ވަނީ ރަށުގެ ކުނީގެ ކަންތައްތައް ހައްލުކުރުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ކައުންސިލަރެވެ. އެކައުންސިލަރު ޖޫރިމަނާ ކުރީ ރަށު ކައުންސިލުންނެވެ. ކައުންސިލަރު ޖޫރިމަނާ ކޮށްފައި ވަނީ 510 ރުފިޔާ އިން ކަމަށް މައުލޫމާތު ލިބެއެވެ.

މަގޫދޫގައި ކުނި ކޮށްޓެއް ހަދައިގެން ވަކި އުސޫލެއްގެ ދަށުން ކުނި އުކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކައުންސިލްގެ ތިން މުވައްޒަފަކު ބޭނުންކޮށްގެން ކުނިތައް ގޭގެއިން ނަގާ ކުނިކޮށްޓަށް ދަނީ ޖަމާކުރަމުންނެވެ. މިހާތަނަށް ދެފަހަރެއްގެ މަތިން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމު ކޮށްފައިވާ ރ.ވަންދޫ އަށް ވެސް ވަނީ ކުނި ގެންގޮސްފައެވެ.

މަގޫދޫ ކުނިކޮށި ހުންނަ ސަރަހައްދު
މަގޫދޫ ކުނިކޮށި ހުންނަ ސަރަހައްދު

މަގޫދޫ ކައުންސިލްގެ މެންބަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުނީގެ މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހެދިފައިވާ އުސޫލާއި ހިލާފަށް ކޮންމެ ފަރާތަކުން އަމަލު ކުރި ނަމަވެސް އެފަރާތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

"އެއީ އާންމު ރައްޔިތެއް ނަމަވެސް އަދި އެހެން ބޭފުޅެއް ނަމަވެސް އުސޫލާއި ހިލާފު ވެއްޖެނަމަ ފިޔަވަޅު އެޅޭނެ. އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ހެދިފައިވާ އުސޫލަށް އިޙްތިރާމް ކުރެއްވުން އެދެން. ކުނީގެ މައްސަލަ ހައްލު ކުރެވޭނީ ހުރިހާ ފަރާތްތަކަކުން ވެސް ހޭލުންތެރިވެ އެކުގައި މަސައްކަތް ކޮށްގެން." ކައުންސިލަރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުލޫމާތު ރަނގަޅެއް ނޫން.. ނައިބު ކައުންސިލް ވެސް 600 ކޮންމެސް އަދަދަކުން ޖޫރިމަނާ ކުރި..

  2. ދެން މާމޮޅުކަމެއް ނޫން އެއަކީ

  3. އެންމެ ކައުންސިލަރެއްގެ ވާހަކަ ކީއްވެބާ ތިއޮތީ މައުލޫމާތު ދިން މީހަކު ދީފަ.. އެ ކައުންސިލަރާ ވަރަށް ހަސަދަލާ މީހެއް ކޮންމެއަކަސް ތި މައުލޫމާތު ދީފަ ތިއޮތީ..
    ދެން ޖޫރިމަނާ ކުރީ ނައިބު ވީމަ ނުކެރުނީތަ އޭނަ ވާހަކަ ބުނަން.. ހަހަ... ބިރު ދައްކާފަ ހުރީތަ.. ?