މޯލްޑިވްސް ކަސްޓަމްސްގެ އަހަރީ ތަފާސް ހިސާބުގެ ފޮތް އަދި އެޑްވާންސް ރޫލިންގެ ހިދުމަތް މިއަދު އިފްތިތާހު ކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްގެ އަހަރީ ތަފާސް ހިސާބު ފޮތާއި އެޑްވާންސް ރޫލިންގެ ހިދުމަތް މިއަދު އިފްތިތާހު ކޮށްފައިވަނީ ކަސްޓަމްސް ބިލްޑިންގައި އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި، ޝަރަފްވެރި މެހުމާނު ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މަނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޒާހިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީނިއާ ސުޕްރިޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ، އަހަރީ ހިސާބުތަކަކީ ވަރަށް ތަފްސީލްކޮށް ވަރަށް ބައިވަރު ކަންތައްތަކަށް ބަލާލެވިގެން އާއްމު ކުރާ ހިސާބެއް ކަމަށެވެ.

މިއަދު ނެރުނު އަހަރީ ތަފާސް ހިސާބު ފޮތުގައި މައިގަނޑު ގޮތަކަށް ފާހަގަކޮށްފައި ހުންނާނީ ރާއްޖޭއަށް އިމްޕޯޓް ކުރޭ ބާވަތްތަކާއި އަދި އެ މުދާތަކަށް ޑިއުޓީއެއްގެ ގޮތުގައި ފާއިތުވި 10 އަހަރަށް އަޅާކިޔާފައިވާވަރެވެ. އަދި އިމްޕޯޓް އާއި އެކްސްޕޯޓް އިތުރުވެފައިވާ ގޮށްވެސް މި ފޮތުގައި ވަނީ އެކުލަވާލާފައެވެ.

ކަސްޓަމްސްގެ އަހަރީ ތަފާސް ހިސާބު ފޮތާއި އެޑްވާންސް ރޫލިންގެ ހިދުމަތް އިފްތިތާހް ކުރުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނިޔާޒް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދުވެސް ދަނީ ކުރިއަރައިގެން ކަމަށާއި މިދިޔަ އަހަރާއި ބަލައި މިއަހަރު ޖީޑީޕީ ދަށްވި ކަމުގައި ވިޔަސް އަންނަ އަހަރަށް ޖީޑީޕީ މިއަހަރަށްވުރެ މަތިވާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވިދާޅުވެފައި ވާ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދުވެސް މިދަނީ ދުނިޔޭގެ އިގްތިސޯދާއި އެއްހަމައެއްގައި ކުރިއަރައިގެން. މިދިޔަ އަހަރަށް ބަލަންޔާ ރާއްޖޭގެ ޖީޑީޕީ 6.5 ޕަސެންޓުގަ ކުރިއަރާފައި މިވަނީ އެހެން ނަމަވެސް މިއަހަރު 5 ޕަސެންޓްގައި ހިފެހެއްޓިފައި އެހެން ނަމަވެސް މިއަންނަ އަހަރަށް އެބަ ލަފާކުރޭ ވޯލްޑް ބޭންކުން އަދި ރާއްޖޭގެ ފިނޭންސް މިނިސްޓްރީންވެސް އެބަ ލަފާކުރޭ ގާތްގަނޑަކަށް 6 ޕަސެންޓްގައި ޖީޑީޕީ ހިފެހެއްޓޭނެ ކަމަށް" ނިޔާޒް ވިދާޅުވިއެވެ.

އެޑްވާންސް ރޫލިންއަކީ ރާއްޖެއަށް މުދަލެއް އައުމުގެ ކުރިން އެމުދަލުގެ ޑިއުޓީ ރޭޓް އެނގޭގޮތަށް ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ.

މިއަދު އަލަށް އިފްތިތާހު ކުރި އެޑްވާންސް ރޫލިންގެ ސަބަބުން އަލަށް ވިޔަފާރި ފައްޓަވާ ފަރާތްތަކަށާއި އާ ޕްރޮޑްތައް ތައާރަފް ކުރާ ފަރާތްތަކަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެއެވެ. އެގޮތުން އެފަރާތްތަކުގެ ވިޔަފާރީގެ ހިސާބުތައް ޖެހުމުގައި އަދަދުތައް ސާފުވުމާއި އަދި އިތުބާރާއި ޔަގީން ކަން އިތުރުވެގެން ދިއުމުގެ ސަބަބުން އާއްމު ފަރުދުންނަށް މުދާ ގަންނަން ލިބޭ އަގު ހެޔޮވެ އޭގެ ޖުމްލަ މަންފާ މުޅި އިގްތިސޯދަށް ކުރާނެއެވެ.

ކަސްޓަމުން އަންނަނީ މީގެ ކުރިންވެސް ކޮންމެ މަހަކު އެއްފަހަރު ކަސްޓަމްސްގެ ތަފާސް ހިސާބުތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.