މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ އޮޕަރޭޝަންސްތަކަށް ބޭނުންވާ 30 މިލިއަން ރުފިޔާގެ ސާމާނުތައް ގެނެސްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެ ކުންފުންޏަށް މިފަހަރު މި ގެނައީ 30 މިލިއަށް ރުފިޔާގެ ސާމާނުތަކުގެ ތެރޭގައި ހިމެނެނީ ދެ ބާޖް ހޭންޑްލަރާއި ފަސް ޓާމިނަލް ޓްރެކްޓާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެމްޕީއެލް އަށް އިތުރު ހަތް ވެހިކަލް ގެނައީ، މިހާރު އެ ކުންފުނިން ބޭނުންކުރަމުންދާ ވެހިކަލްތައް ބާވުމުގެ ސަބަބުން، އެ ކުންފުނީގެ މަސައްކަތްތަކަށް ކޮންމެވެސް ވަރަކަށް އުނދާގުތަކާއި ކުރިމަތިވާތީ ކަމަށެވެ. އަދި އަލަށް މި ގެނައި ވެހިކަލްތަކުގެ ސަބަބުން، ތަނުގެ މަސައްކަތަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އަލަށް މިގެނައި ހަތް ވެހިކަލާއި އެކު، އެ ކުންފުނީގައި ޖުމްލަ ހަތަރު ބާޖް ހޭންޑްލަރާއި ނުވަ ޓާމިނަލް ޓްރެކްޓަރު އޮންނާނެ ކަމަށެވެ. އަދި މި ވެހިކަލްތަކަކީ ކޮންޓެއިނަރު އެއްތަނުން އަނެއްތަނަށް އުފުލަން ބޭނުންކުރާ ވެހިކަލްތަކެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ބާ އިކުއިޕްމެންޓްތަކުން މަސައްކަތް ކުރާއިރު، ވަރަށް ގިނަ ފަހަރަށް އެއްޗެހި ހަލާކުވުމުގެ މައްސަލަ ދިމާވޭ. އެހެންވީމަ ފުދޭވަރަކަށް ޑައުންޓައިމް ދިމާވޭ. އަދި އިކުއިޕްމެންޓް ނެތިގެން މަސައްކަތް ހުއްޓޭ ވަގުތުތައް އާދޭ. އާ އިކުއިޕްމެންޓް ލިބުމުން އަޅުގަނޑުމެންނަށް ފުދޭ ވަރަކަށް ކޮންޓިނުއަސްކޮށް މަސައްކަތްތައް ކުރެވޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ބާޖް ހޭންޑްލަރ ބޭނުން ކުރާނީ، ކޮންޓެއިނަރ އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި، ކޮންޓެއިނަރ ޝިފްޓް ކުރުމާއި އަދި ކޮންޓެއިނަރ ބޯޓުން ބޭލުމަށް ފަހު ކްލިއަރިން އޭރިޔާއަށް ގެންދިޔުމަށެވެ. އަދި މީގެއިތުރުން ހުސް ކޮންޓެއިނަރ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށްވެސް ބާޖް ހޭންޑްލާ ބޭނުންކުރާނެ ކަމަށެވެ.

އެމްޕީއެލްއަށް އަލަށް ގެނައި ވެހިކަލްތަކަކީ ފިންލޭންޑުގެ ކަލްމާރު ބްރޭންޑުގެ ވެހިކަލްތަކެކެވެ. ސީއީއޯ ޝާހިދު ވިދާޅުވީ، އެމްޕީއެލްއިން މި ބްރޭންޑުގެ ވެހިކަލް ހިޔާރު ކުރީ އެމްޕީއެލްގައި މިހާރު ބޭނުން ކުރަނީ ކަލްމާރުގެ އުފެއްދުންތައް ކަމަށް ވާތީ ކަމަށެވެ.