މޮރޮކޯގައި ދިވެހި އިމާމުން ތަމްރީން ކުރުމާއި ބެހޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިވެހި އިމާމުން ތަމްރީން ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެގައުމުގެ އިސްލާމިކް މިނިސްޓަރ އަހުމަދު ތައުފީޤް އެވެ. އެބައްދަލުވުމުގެ ތެރެއިން މޮރޮކޯގައި އިސްލާމް ދީނާއި ބެހޭގޮތުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަތައް ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ތައުރީފް ކުރައްވާފައެވެ.

މި ބައްދަލުމުގެ ތެރެއިން ދެގައުމުގެ އިސްލާމް ދީނުގެ އަސާސްތައް ދިރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރ ޝާހިދު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ)އަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒާއި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މޫމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންފައި ވާކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު