ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ދެކުނުގެ އަތޮޅުތަކަށް ނެރެފައިވަނީ ހުދު ސަމާލެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 12:00 އާއި ހަމައަށް ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ވަގުތުތަކުގައި މި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، ރެއިން ފަށައިގެން މި ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ދަނީ ވިއްސާރަވެ ވާރޭވެހެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށްވެސް ވިއްސާރައިގެ އަސަރު ކުރަމުން ދެއެވެ.

މޫސުން ކުރިޔަށް ލަފާކުރާ ގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން އިއްޔެ ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އިރާއި އިރުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން އިއްޔެ ވިދާޅުވެފައި ވެއެވެ.