މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ތައްޔާރުވެފައި ވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން އިން ބުނެފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 54 ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިމޭނެއެވެ. އަދި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ އެކަމަށް ގޮންޖެހުންތަކެއް ހުރުމުން ކަމަށާއި އެހެން ނޫންނަމަ އެއަށްވުރެ އަވަހަށް މަސައްކަތް ނިމޭނެ ކަމަށް ގްރޭޓާ މާލެ އިން ވަނީ ހާމަކޮށްފައެވެ. އެމްއެންޑީއެފް އިން ތިލަފުއްޓަށް ބަދަލުކުރަން ޖެހޭ 32 ގުދަނެއް ހުރިކަމަށް ބުނެފައި ވާކަމަށާައި، ތިލަފުށީގައި 34 ގުދަނެއް ހަދައި ނިމިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހުންނާނީ 17 ކުދި ގުދަނާއި 17 ބޮޑެތި ގުދަން ކަަމަށާއި، ކުޑަ ގުދަނެއްގައި 500 އަކަފޫޓު އަދި ބޮޑު ގުދަންތައް ހުންނާނީ 800 ފޫޓާއި 1000 ފޫޓާއި ދެމެދުގެ ބޮޑުމިނެއްގައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިހާރު ގުދަންތަކުގައި އެމްއެންޑީއެފް އިން ހަދަން ޖެހޭ އިންސްޕެކްޝަން ހަދައި ނިމިފައިވާކަމަށާއި، މިހާތަނަށް އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަޔަރ އެލާމާއި، އަލިފާން ނިއްވޭނެ އާލާތްތައް ބެހެއްޓިފައިވާކަމަށް ގްރޭޓަރ މާލެ އިން ބުނެއެވެ.

އަދި މިހާރު ކުރިއަށް ދަނީ ގުދަން ދޫކުރާ ފަރާތްތަކާއި ވާހަކަ ދެއްކުން ކަމަަށާއި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ގްރޭޓާ މާލެ އިން ބުނެފައިވާ ގޮތުގައި މިހާރުން ފެށިގެންވެސް ގުދަންތަކަށް ތަކެތި ބަދަލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތް ކަމަށެވެ.

މާލޭގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި ގުދަންތައް ބަދަލުކުރުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ އެތައް ގެއެއް އަދައިގެން ދިއުމާއި ގުޅިގެންނެވެ. މިހާތަނަށް އެސަރަހައްދު ބަލައި ފާސްކުރުމަށް ފަހު ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެހާދިސާގައި އަލިފާންގަނޑު ބޮޑަށް ފެތުރިގެން ގޮސްފައި ވަނީ ރޯވީ ކެމިކަލް ގުދަނެއްގައި ކަމަށް ވުމުނެވެ.