ރާއްޖޭގެ ގާނޫނު އަސާސީން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދީފައިވާ ހައްގުތައް އަދާ ނުކުރާ ކަމަށާއި މަގާމުގެ މަސްއޫލިއަޔްތު އަދާނުކުރެވޭނަމަ މަގާމުން އިސްތިއުފާދެއްވުމަށް އެމަގަމާގައި ހުންނެވި، އައިޝަތު ބިޝާމަށް ސަރުކާރު އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު ސަރުކާރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމުގެ ކަންތައް ގޯސްވަމުން އައިސް އައްނުފޯރާ ހިސާބައް ދިޔައިރު ވެސް ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅާ އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި އެއްވެސް ގޮތަކަށް ގާނޫނުން އޭނާއަށް ދީފައިވާ ޒިންމާ އަދާ ނުކުރާ ކަމަށެވެ.

"މިހާ ހިސާބައް ގައުމުގެ ކަންތައްތައް އައިއިރު ޕީޖީގެ މަގާމުގައި މިހުންނެވި ބޭފުޅަކު އެއްވެސް ކަމެއް ތަހުގީގު ކުރަން ޕޮލިހަކަށްވެސް އަދި އެހެން ފަރާތަކަށްވެސް ގޮވައެއް ނުލާ. އޭނަގެ ގާނޫނީ ޒިންމާއެއް އަދާއެއް ނުކުރޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ބިޝާމް މިގައުމުގައި ކަމެއް ހިނގާ ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި އެކަން އެދެ ޕާޓީން ކުއްވެރި ކުރާ ކަމަށެވެ. އަދުރޭ ވަނީ ގާނޫނުން ޕީޖީއަށް ދީފައިވާ މަސްއޫލިއްޔަރު އަދާކުރުމަށް ގޮވާލާފައެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވާފައި ގޭގައި މަޑު ކުރެއްވުމަށް ގޮވާލާފައެވެ.

"އެކަމަނާއަކަށް މިގައުމުގެ އެއްވެސް ކަމެއް ހިނގާ ކަމަށް ގަބޫލެއް ނުކުރެވޭ ނުވަތަ ހިނގާކަމެއް ނުއެއް އިނގޭ. އެހެންވީމަ އަޅުގަނޑުމެން ދެ ޕާޓީން މިކަން ވަރަށް ބޮޑަށް ކުއްވެރި ކުރަން. އަދި އެކަމަނާއަށް ގޮވާލަން މިހާރުން މިހާރަށް ކަމަނާގެ ވަޒީފާގެ ވާޖިބު އަދާކުރައްވާށޭ. ކަމަނާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާާ މަސްއޫލިއްޔަތު އަދާކުރައްވާށޭ. އެހެން ނޫނީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާށޭ."

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅާއަށް އެބޭފުޅާގެ މަސްއޫލިއްޔަތު އެނގިވަޑައިގަންނަވާކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުން އޭނާ ބުނީ، ރާއްޖޭގެ ޝަރުއީ ނިޒާމް ނާޒުކު ފައްތަރެއްގައި އޮތް އިރު ޕީޖީ އަކަށް އެއްވެސް ގޮތަކަށް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"މިގައުމުގަ މީހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި މުޅި ޝަރުއީ ނިޒާމް އޮތީ. މި ހިސާބުގައި ޝަރުއީ ނިޒާމް އޮތްއިރު ޕީޖީއަކަށް މިގައުމުގަ ކަމެއް ހިނގާ ކަމެއް ނޭނގޭ. އެކަމަނާގެ މަސްއޫލިއްޔަތު އެނގިވަޑައިގަންނަވާކަމަށް ގަބޫލެއް ނުކުރެވޭ"