ނިމިދިޔަ ސަރުކާރުން ގެނައި ނިޒާމަކީ އެންމެންނަށްވެސް އެއްގޮތަކަށް އެއް ޤާނޫނެއް ހިނގާ ނިޒާމެއް ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. ޖަމީލް އަހުމަދު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރުގައި މިގައުމަށް ގެނެސްފައިވާނީ އެންމެންނަށްވެސް ހަމަހަމަ ގޮތަކަށް ކަންހިނގާނެ ޤާނޫނެއް ކަމުގައެވެ.

"އަޅުގަނޑުމެން މިއަދު މި ގެނައި ނިޒާމު އަޅުގަނޑުމެންނަށް ބުނެދެނީ ކީކޭތޯ؟. އަޅުގަނޑުމެން ފަހުރުވެރިކަމާއެކީ ގެނައި ނިޒާމަކީ ހަމަ ހަމަ ނިޒާމެއް. އަޅުގަނޑުމެން ގެނައި ނިޒާމަކީ އެންމެންނަށްވެސް އެއްބީދައަކުން އެއްމަގަކުން އެއްގޮތަކަށް އެއް ގާނޫނެއް ހިނގާ ނިޒާމެއް އަޅުގަނޑުމެން މި ގެނައީ"

ޖަމީލް ވިދާޅުވީ، އެ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސަކީ ފަނޑިޔާރުގެ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ހިނގާ އެންމެ މުހިންމު އެއް ޝަރީއަތް މިހާ ހިސާބަށް ގޮސްފައިވާ އިރު ޝަރީއަތުގެ ތެރޭގައި ކަންތައް ހިނގާފައިވާ ގޮތް ދިވެހި ރާއްޖޭގެ ރައްޔިތުން ކުރިމަތީ ފެންނަން އޮއްވާ، ހުކުމާ ހަމަޔަށް ދާން 3 ގަޑިއިރުވެފައިވަނިކޮށް މައްސަލަ ބައްލަވާ އިސްގާޒީގެ ސުލޫކީ މައްސަލައެއް ބަލައި ފަނޑީޔާރު އެކަހެރި ކޮށްފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެއް ފަނޑިޔަރެއްގެ މައްސަލަ ވަރަށް ހަލުވި ކަމާއި އެކީ ނިންމާލެވޭ މިންގަނޑުން އެހެން ފަނޑިޔާރުންގެ މައްސަލަވެސް އެ ހަލުވި ކަމާއެކީ ނިމެން ޖެހޭނެ ކަމަށެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވަން ކުޑަ ވަގުތު ކޮޅެއް ވެފައިވަނިކޮށް ޖޭއެސްސީން ވަނީ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލަ އަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިޖޫ

    މިގައުމް ސަދޫމައް ނުހެއްދެވުމައް ގާޒީން އައް ގޮވާލަން ﷲ އައް ބިރުވެތިވޭ

  2. އަލީބަލީ

    އެހެންވެތޯ ދައުލަތުން ވައްކަން ކުރި މީހުން މަތީ މަގާމުތަކުގައި ތިބެފައި ފިހާރައަކުން ޖޫސްފުޅިއެއް ނެގި މީހަކު 2 އަހަރަށް ޖަލަށްލީ؟