ޅ. އޮޅުވެލިފުއްޓަށް ހޮނު އަޅައި މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެންޑިއްޖެއެވެ.

މި ހާދިސާގައި އެރަށު އިންޖީނުގެއަށް ވަނީ ގެއްލުން ލިބިފައެވެ.

މިކަން ހާމަކޮށް އޮޅުވެލިފުއްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ހޮނު އެޅުމުގެ ސަބަބުން އިންޖީނުގޭގެ ކޮންޓްރޯލް ޕެނަލްގެ އިލެކްޓްރޯނިކްސް ބައެއް ސާމާނުތަކަށް ގެއްލުން ވެފައިވާ ކަމަށާއި، މި ވަގުތު ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ފެނަކައިން ވިދާޅުވީ، އެ ކުންފުނީގެ ޓެކްނިކަލް ޓީމަކުން މި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި، ވީ އެންމެ އަވަހަކަށް އޮޅުވެލިފުއްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޮނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިރޭ އޮޅުވެލިފުއްޓަށް ހޮނުއެޅި ހާދިސާގައި އެރަށު އިތުރު ތަނަކަށް ގެއްލުންވިކަމެއް އަދި ނޭނގެއެވެ. މި ހާދިސާ ހިނގާފައި މިވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައެވެ.