ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދާނީ މިހާރު އޮތް ހިސާބުން ކަމަށް މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ވިދާޅުވެއްޖެއެވެ.

އެހެންކަމުން ދެން އޮންނާނީ މިމައްސަލައިގެ ޙުކުމް އިއްވުމެވެ.

ޔާމީންގެ މައްސަލަ އަލުން ނުބަލައި ކުރިއަށް ގެންދަން މައްސަލަ ބައްލަވާ ބެންޗުން ނިންމީ މައްސަލަ އަލުން ބަލައި ދިނުމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންފައި ވަނިކޮށެވެ. އަދި މައްސަލަ އަލުން ބެލި ނަމަވެސް މައްސަލައެއް ނެތް ކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވެފައި ވަނިކޮށެވެ.

ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ އިންސާފު ލިބެން ޖެހޭނީ ހަމަހަމަކަމާއި އެކު ކަމަށެވެ.

"މިމައްސަލައިގެ ބެންޗްގައި އިންނެވި އަލީ ރަޝީދަށް ދައުވާ ކުރާ ފަރާތުން އިތުބާރެއް ނުކުރަން. އަދި އަލީ ރަޝީދު ބެންޗްގައި އިންނަވައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލެއް ނުކުރަން. އެހެންކަމުން އަލީ ރަޝީދު ބެންޗްގައި އިންނެވުމާއި މެދު ގޮތެއް ނިންމެވުން އެދެން. އަދި ގާޟީންގެ ބެންޗުން ވެސް މިކަމުގައި ގޮތެއް ނިންމަވައި ދެއްވުމަށް އެދެން." އަލީ ޝާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު