ނޭޝަނަލް ޑޭޓާ ސެންޓަރު މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރގެ އަޕްގްރޭޑެޑް ޑޭޓާބޭސް ސިސްޓަމް އެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަލީހު ވަނީ އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ހިންގާ މި މަސައްކަތުގައި މިއަދު ވަނީ 100 ޓެރަބައިޓް (1000 ގިގަބައިޓް) ގެ ސްޓޯރޭޖް ކެޕޭސިޓީ ހިމެނޭ އޮފްސައިޓް ބެކަމް ސިސްޓަމް ދައްކާލާފައެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ފަރާތުން ސިސްޓަމް ހަވާލުކޮށްދެއްވީ، މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އެންސީއައިޓީގެ ފަރާތުން އެ ސިސްޓަމާ އާއި ހަވާލުވެ ވަޑައިގަތީ، އެންސީއައިޓީގެ އައިޓީ އިންފްރާސްޓްރަކްޗަރ ޔުނިޓުގެ އައިޓީ މެނޭޖަރު، ހުސައިން މުހައްމަދު އެވެ. ނޭޝަނަލް ޑޭޓާބޭސް ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަށް 1.5 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު، މަލީހު ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގައި އެ މިނިސްޓްރީން ބެލީ ވީހާވެސް ޚަރަދުކުޑަ ވާނެ ގޮތަކަށް މި މަސައްކަތް ކުރެވޭތޯ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިނިސްޓްރީގެ ކުރިންވެސް ހުރި ބައެއް ހާޑްވެއާ މި މަސައްކަތަށް ބޭނުންކޮށްފައިވާ ކަން ފާހަަގަކުރެއްވިއެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ބަލަހައްޓާ މަޢުލޫމާތަކީ މިހާރަށްވުރެ ރައްކާތެރި އެއްޗަކަށް ހެދުން. އަޅުގަނޑުމެންގެ ސަރުކާރު ފެށުމުގެ ކުރިން ވަރަށް ގިނަ ބައެއްގެ އިނގިލި ދިއްކުރަމުން ދިޔަ ކަމެއް އެންސީއައިޓީ މެދުވެރިކޮށް ޑޭޓާ ލީކުވުމުގެ ވާހަކަ، އެ ހަރުދަނާ ނޫން ވާހަކަ. އަޅުގަނޑުމެން ބޭނުންވީ ނޭޝަނަލް ޑޭޓާ ސެންޓަރަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ރަނގަޅަށް އެންމެ މަތީ ފަންތީގައި ބެލެހެއްޓޭ ތަނަކަށް ހެދުން. އެ މަސައްކަތުގެ ބޮޅެއް މިއަދު ކުރިއަށް މިގެންދަނީ." މަލީހު ވިދާޅުވިއެވެ.

ވަގުތު އިމޭޖްސް: ޝިއުސް

މިނިސްޓަރު މަލީހު ވިދާޅުވީ ވެރިކަމަށް އައިފަހުން ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި ބައެއް މިނިސްޓްރީ ތަކުން މަޢުލޫމާތު ބެލެހެއްޓޭ ގޮތަކުން، ބައެއް ފަހަރު މަޢުލޫމާތު އަލުން އިޔާދަ ނުކުރެވޭ ގޮތަށް ގެއްލިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސަރުކާރުގެ ޑޭޓާ އަކީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމަކަށް ވާތީ، އޭގެ އެންމެ ފުރިހަމަ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ދަޢުލަތުގެ ކޮންމެ ޑޭޓާ އަކީ ވަރަށް މުހިއްމު ޑޭޓާއެއް. ވަރަށް ފަރުވާތެރިކަމާއެކު، ރައްކާތެރިކަމާއެކު ބެލެހެއްޓެން ޖެހޭ ޑޭޓާއެއް." މަލީހް ވިދާޅުވިއެވެ.