އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދިފައިވާ އިތުރު 6 ކުންފުންޏަކަށް ހުއްދަދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ މީގެ ކުރިން ހައްޖަށް މީހުން ދިނުމުގެ ހުއްދަ ދީފައި އޮންނާނީ 25 ކުންފުންޏަކަށް ކަމަށާއި، މިފަހަރު ހުއްދަ ދޫކުރީ ހަ ކުންފުންޏަކަށް ކަމަށެވެ. އެ ހަ ކުންފުންޏަކީ ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް، ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ، ޤާފިލާ ޙައްޖު އެންޑް ޢުމްރާ، އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ، އަލް ބްރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އަސްކޮއި ޙައްޖު އެންޑް ޢުމްރާ ކަމަށް މިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ.

އަދި އޭގެ ތެރެއިން ކޮންމެ ކުންފުންޏަކަށްވެސް ހުއްދަ ދޫކޮށްފައި ވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިހާރު ވާނީ ހައްޖަށް މީހުން ގެންދިއުމަށް އުސޫލަށް ބަދަލު ގެނެސްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގެނައި ބަދަލު ތަކުގެ ތެރޭގައި އެކުންފުންޏެއްގެ ވެރިއަކީ ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ނުވުމާއި، އަދި އރަބި ބަހުން މުއާމަލާތު ކުރަން އެނގޭ މީހަކަށް ވުން ހިމެނެއެވެ.