ފޮޓޯ ޖެހި އިންޒާރު ހިމަނައިގެން ނޫނީ ޑިސެމްބަރ 01 ގެ ފަހުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަނދާން ކޮށްދީފިއެވެ.

"ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖަހައިގެން މެނުވީ 01 ޑިސެމްބަރ އިން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއްގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ." އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވެއެވެ.

ދުންފަތުން ސިއްހަތައް ލިބޭ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރުތައް ދައްކައިދޭ އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފެށީ މިމަހުގެ ކުރީކޮޅު އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގައި ސިނގިރޭޓް ވިއްކޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ. އޮގަސްޓް މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރެވޭނީ އިންޒާރުގެ މަންޒަރުތައް ހިމެނޭ ފޮޓޯ ޖަހައިގެންނެވެ. އޭގެ ފަހުން އެތެރެކޮށްފައިވާ ސިނގިރޭޓްތައް މިހާރު ވިއްކަމުން ދަނީ އިންޒާރުގެ ފޮޓޯއާއެކު އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ހަރަދުކޮށްފައިވާ ހަތް ބައްޔަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކެކެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ހިމެނެ އެވެ.

ސަރުކާރުން ގެންދަނީ ސިނގިރޭޓް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަކިވަކިން ސިނގިރޭޓް ވިއްކުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަގޭ ޚިޔާލު

    ދުންފަތް މަނާކުރުމަށް މޮޅެތި ގާނޫނުތައް ނުހަދާ ދިވެހިރާއްޖެއަށް ތިއެއްޗެހި އެތެރެކުރުން ހުއްޓުވާބަލަ، ސިގިރޭޓު އެތެރެކޮށްފައި ރައްޔިތުން އޭގެ އަވާގައި ޖައްސުވާފައި މިބުނަނީ މާތްކަލާކޯއޭ ކެންސަޜޭ، ހުއްޓާލާށޭ، އެހެން ބުނާމީހާވެސް މިހުންނަނީ ތުނބުގައި ސިގިރޭޓު ޖަހައިގެން، ސިގިރޭޓު ބޯކަށް ނުވާނެއޭ ބުނާ ޑޮކްޓަރުވެސް މިހުންނަނީ ތުނބުގައި ސިގިރޭޓު ޖަހައިގެން، ކިތަންމެ ބިރުވެރި މަންޒަރެއް ހިމެނޭ ފޮޓޯއެއް ފޮށީ ބޭރުގައި ޖެހިޔަސް ސިގިރޭޓު އެތެރެކުރުން ހުއްޓުވައިގެން ނޫނީ ތިކަމަކަށް ހައްލެއް ނުލިބޭނެ.

    11
    1
  2. ދޮންބެ

    މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ސިގިރެޓެއް ނުބޯނެ. ދުންފަތުގެ އިސްތިއުމާލެއް ނުކުރާނެ.

    13
  3. ކަނޑު އަލީ

    ތިޔަށްވުރެ ރަނގަޅު ފޮޓޯއެއް ނުލިބުނީތޯ؟

    9
    5
  4. ވެރިން

    ހެޗްޕީއޭ މަހައްދާން ވީނޫން.
    ކަމެއްކުރަންޏާ އެތެރެކުރުން ހުއްޓާލަން ވީނޫން.
    ފޮޓޯޖަހައިގެން އަގުބޮޑުކޮއްގެން ކޮން ސަކަރާތެއްޖަހާކަށް.ކޮއްމެ އެއްޗެއްޖެހިޔަސް އެތެރެކުރިޔަސް ބޯމީހުން ބޯނެ

    12
    3
  5. Anonymous

    ދުންފަތަކީ އިންސާނުންނަ ގެއްލުންދޭ ވިހައެއް..؟ އެކަމަކުވެސް ބައްލަވައި ގަންނަވާ.. ލިބެން ހުންނާނެ ކަންމަތީ ފިހާރަ ތަކުން..
    މިއައްވުރެ މޮޅުއެއްޗެއް ވިކަން ހުންނާތީ ނުދެކެން. ތިޔައިން ބޭފުޅަކު ގޮތް ބަލައިލާން ކުދިގުޅަ ނޫނީ ކޮންމެއް އެހެން އެއްޗެ ވިއްކަން ލާބަލަ މި ކައިފި ނަމަ މީގެ 10 އަހަރު ފަހުން ކިޑުނީ ފެއިލް ވެފާނެ ކަމުގެ ބިރު އެބަ އޮތޭ މިހެން ނަމަވެސް ލިޔެފަ.. ޔަގީން ހެލްތު މިނިސްޓްރީން ހުއްދަ ނުދޭނެ އެވިއްކަން ލާކައް.. އެކަމް ސިންގެރޭޓް ހުއްދަވޭ..

    19
    2