އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ކަރަންޓް ކެނޑިފައި ވަނީ 1:50 ހާއިރު އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައްޑޫ ސިޓީ އިން ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ ޕެނަލް ބޯޑަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ވަނީ މިދިޔަ މަސް ތެރޭގައި ހަވާލު ކޮށްފައެވެ. އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގާ ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

އައްޑޫއިން ދޭތެރެ ދޭތެރެއިން ކަރަންޓު ދިއުން މިހާރު އާއްމުވެފައި ވާއިރު، އެ ސިޓީގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން އުނދަގޫތައް ކުރިމަތިވާކަމަށް އެ ސިޓީގެ ރައްޔިތުން މައުލޫމާތު ދެއެވެ. މިދިޔަ މަހުގައިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.