ތ. ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން ތ.ތިމަރަފުށީގައި ސިންގަލް ސްޓޯރީ 100 ހައުސިންގ ޔުނިޓްސް ޢިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތިގައި، މި އަހަރުގެ މާރިޗު 30 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަދި މި ބީލަމުގައި ބައިވެރިވުމަށް 15000 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މި ފައިސާ ބަލައިގަންނާނީ މާދަމާ އިން 08 ޑިސެމްބަރ އަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ތިންލައްކަ ފަންސާސް ހާސް ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން ހުށަހަޅުއްވަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، މި ބީލަން ހުޅުވުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ ނުވަ ވަނަ ވާ ދުވަހުގެ 11:00 ގައިމި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

މިއީ ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރި ދެވަނަ ފަހަރެވެ.