މި ސަރުކާރުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކޮށްފައިވާ ކަންކަމުގެ "ކްރެޑިޓްސް" ނަގަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގިނަ ވަޒީފާތަކެއް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ވަޒީފާ އުފެއްދުނު ކަމަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ދައުރުގައި ތަރައްގި ކުރި ރިސޯޓު ތަކުގެ ވަޒީފާތައް ލައިގެން ކަމަށެވެ. އަދި ސިޔާސީ މަގާމުތައް އެއްކޮށްގެންވެސް އެއަދަދާއި ހަމަޔަށް ހަގީގަތުގައި މިސަރުކާރުން ވާސިލްވެފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި 8900 ވަޒީފާ އުފެއްދުނު ކަމަށް އިއުލާން ކުރެއްވުމުން ހައިރާންވެވަޑައިގަތް ކަމަށެވެ.

"އެއި ކޮންތާކުން އުފެއްދި ވަޒިފާ ތަކެއްތޯ؟ ސިޔާސީ ވަޒީފާ ތައްތޯ އެެއީ. އެއީ މިއޮށް ފެންނަ ކްރޮސްރޯޑާއި ރިސޯޓުތަކުން އުފެއްދި ވަޒީފާތައް. އަޅުގަނޑުމެން އެވަޒީފާތައް އުފެއްދީމަ މިއަދު ކްރެޑިޓް ނަގާލަނީ" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އުފެއްދުންތެރިކަމެއް ނެތް ކަމަށެވެ. އަދި އޭނާގެ ވާހަކައިގައި ވަނީ މިފަހަރުގެ ބަޖެޓު އެހެން އަހަރުތަކާއި ހިލާފަށް ބޮޑުވުމާއި ގުޅިގެން އެކަމާއި ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސިޔާސީ މަގާމުގައި ތިއްބަވާ ބައެއް ފަރާތްތަކުން އެއްވެސް މަސައްކަތެއް ނުކޮށް ގެއަށް ވަޑައިގަންނަމުންދާ މަންޒަރު ފެންނަ ކަމަށާއި، އެފަދަ އެތައް ބޭކާރު ސިޔާސީ ވަޒީފާއެއް މިސަރުކާރުން އުފައްދާފައިވާ ކަމަށެވެ.

އަދި ބަޖެޓުގެ 48 އިންސައްތަ އަކީ ޓެކްސް ކަމަށާއި، ރައްޔިތުންގެ އަތުން ނަގާ ޓެކުހުން ބޭކާރު ކަންކަން ނުކޮށް ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.