އެމްޑީޕީގެ ސުޕަމެޖޯރިޓީގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭނުންކޮށްގެން އެމީހުން ދަނީ ކުރީގައި ކޮށްފައިވާ ބަޢާވާތުގެ ނާކާމިޔާބީގެ ބަދަލު ހިފުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި އޭނާގެ ޓީމުން ޖުޑީޝިޔަރީ ތެރެއަށް އަތްބާނާ، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ގާނޫނު އަސާސީއާއި ހިލާފަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެ ކޯލިޝަނުން ވަނީ އެކަންކަން ހުއްޓުވައި ދިނުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ރައީސް ނަޝީދު ވަކި ގޮތަކަށް ހުކުމް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެެއެވެ.

އަދި އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށް، ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެލުމަށް މި މަހުގެ 28 ވަނަ ދުވަހަށް ތާވަލް ކުރިކަމުގައި ވީނަމަވެސް އެ ދުވަހު ކުރާ ހުކުމަކީ އިންސާފުވެރި ހުކުމަކަށް ވެގެން ނުދާނޭ ކަމަށެވެ. އެއީ ޔާމީންގެ މައްޗަށް އުފުލާފައިވާ މައްސަލާގެ ތަފްސީލު އެންމެ ރަނގަޅަށް އިނގޭނޭ އެކަކު ކަމުގައި ގާޒީ ހައިލަމް ވާނެތީކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްލައިފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނަޝީދު އިންނަވައިގެން، މަޖިލީހުގެ މެޖޯރިޓީގެ ބޭނުންހިއްޕަވައި، ފަނޑިޔާރުންނަށް ބިރު ދައްކައިގެން، މުޅި ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި، 2012 ގެ ކުރިން އޮތް އެމްޑީޕީ ވެރިކަމުގެ އަނދިރި ދުވަސްތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.