އިދިކޮޅުން ފާޓީތަކުން އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ނުދެއްވަނީ އިންތިހާބުގައި ބަލިވާނެކަން ޔަގީން ވާތީ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ކުރިއަށް ގެންދާ ބައްދަލުވުންތަށް އިދިކޮޅު ފަރާތް ތަކުން އެއްބާރުލުން ނުދިނުމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅުފަރާތްތަކުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުންނުވާ ކަމަށެވެ.

"އަސްލު ހަގީގަތުގައި އެބޭފުޅުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުމެއް ނުވޭ. އެއީ އެބޭފުޅުނަށް އެނގޭ އިންތިހާބުގައި ވާދަކޮއްފިޔާ ބޮޑު ތަނުން ބަލި ވާނެކަން, އެބޭފުޅުނަށް މިހާރު ރައްޔިތުންގެ ތާއީދު ގެއްލިއްޖެ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ތަރައްގީ އަށް ހުރަސް އަޅަން ތަފާތު ގިނަގުނަ މައްސަކަތް ތަކެއް ކުރި ނަމަވެސް އެބޭފުޅުންނަށް އެކަން ކާމިޔާބު ނުވަނީ ރައްޔިތުންގެ ތާއީދު އެބޭފުޅުންނަށް ނުލިބުމުންކަމަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އާއި އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރަން ނިންމާފައި ވަނީ އެންމެ ފަހުންނެވެ. އެމްޑީޕީ އާއި ބުދަ ދުވަހު ބައްދަލު ކުރަން ނިންމި ނަމަވެސް އެ ޕާޓީން ވަނީ ބައްދަލު ކުރެވެން ނެތް ކަމަށް އަންގާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓީތަކަކުން ދެކޮޅު ހެދި ނަމަވެސް، ޝެޑިއުލާ އެއްގޮތަށް ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރްޕީއާއެކު ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރަން ދެކޮޅު ހެދީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އަށް އެ މައުލުމާތު ދޭން އުޅޭ ކަމަށް ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގު ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮތް، ސިޔާސީ ހަ ޕާޓީއާ ވެސް ބައްދަލު ކުރުމަށެވެ. ނަމަވެސް ގުޅިފައިވާ އިދިކޮޅު ތިން ޕާޓީ ކަމަށްވާ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލު ނުކުރުމަށެވެ.