މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ފާއިތުވި 13 މަސް ދުވަހު ވެސް އެކި ފަހަރުމަތިން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަކިކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި އޮއްވާ މިއަދު އަނެއްކާވެސް ބިޝާމް ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމާފައި ވަނީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. ކުރިން ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ފާސްކުރި އެވެ. ނަމަވެސް ފަހުން ހަމަ އެކޮމެޓީން ވަނީ އެކަން ބާތިލް ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރެއްވުމުން އެ މައްސަލަ އަށް ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރުތަކާއި ކޮރަޕްޝަނާއި ހައްދުފަހަނަޅައި ދިއުން ފަދަ މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓް ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ޕީޖީން އެޅިފައިނުވާ ކަމަށް މެމްބަރުން ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ ޕީޖީގެ އިތުބާރު ނެތް މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމެޓީ އަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.

ޕީޖީ ވަކިކުރެވެނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރިކަމަށް ނުވަތަ މަގާމު އަދާކުރަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުންނެވެ. ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ގާބިލްކަން ނެތް ހާލަތަކަށް ދިއުމުން ކަމަށް ޤާނޫނު އަސާސީގައި ބުނެއެވެ.

ޕީޖީ މަގާމުން ވަކިކުރެވޭނީ ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު އެކަން ތަޅުމަށް ހުށަހެޅުމުން ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ބިޝާމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވަނިކޮށް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ބޭކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ކަމެއް

    ދެން މީނަ އަމިއްލަ އައް ވަކިވާން ވެއްޖެ އެއްނު.. އާން ދުވާލު ދެދަޅަ އައް މި އޮއްނަނީ މީނަ ވަކި ކުރަން އުޅޭ ވާހަކަ.. ތީ ލަދުވެސް ނުގައްނަ އަންހެނެއްތަ.. ވަކިކުރަން އުޅޭ އިރުގަވެސް ވަކި ހިއްޕާލާފަ ހުރި..

  2. މޯދީ

    ބޭނުންކެނޑުނީމަ އެއްލާލަނީދޯ! ކުރިންވެސް މަޖިލިހުގަ ލާރީގެ ވާހަކަ ދައްކުވަންވެގެން ބެހެއްޓީ، މިހާރު ދެން ބޭނުންކެނޑުނީ އުތަ!

    1
    1