އަވަސް އިންތިހާބެއް ބޭއްވުމުން ތަރައްޤީ އަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، އަވަސް އިންތިޚާބެއް ބޭއްވުމާއި ދެކޮޅު ހައްދަވައިފިއެވެ.

އަވަސް އިންތިޚާބެއް ބޭއްވުމާއި އާދަމް ޝަރީފް ދެކޮޅު ހައްދަވާފައި ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހެޅުއްވުމުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމާއި ބަޣާވާތް ކުރުމަކީ ތަރައްޤީ އަށް ހުރަސްއެޅި، ސިޔާސީ ކޯޅުން އިތުރަށް ބޮޑު، ސުލްހަ މަސަލަަސްކަން ގެއްލޭނެ ކަމެއް ކަމަށެވެ.

"މަސައްކަތް ކުރަންވީ ސަރުކާރުގެ ދުވެލި ހަލުއިކޮށް، ކޮރަޕްޝަން މަދުކޮށް، ޖުޑިޝަރީ ހައިޖެކް ނުކޮށް ހަރުދަނާ ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޤަރާރު ހުށަހެޅުއްވީ "ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަކުރެވޭނެ ގޮތުގެ މަތިން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ގޮތުގެމަތިން ކުރައްވަން ޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފައްޓަވައި، އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމްކޮށް" ޤަރާރެއް ފާސްކުރުމަށް ކަމަށެވެ.

ރައީސް ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

ޤާނޫނު އަސާސީގެ 124 ވަނަ މާއްދާ ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ވަގުތީ ގޮތުން އެމަގާމުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި އިންތިޚާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އިންތިޚާބު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާ އަތޮޅު

    މީމިގައުމުގެ ރައީސް ކަމަށް ގެންނަންވެސް ރަގަޅު ބޭފުޅެއް. އެންމެ އިޚްލާސަތެރި މެންބަރު. އުންމީދު ކުރަނީ ތިގޮތުގައި ކޮރަޕްޓުނުވެ ވަޑައި ގަންނަވާނެކަމަށް

    6
    2