ގިނަ ފަހަރު ބޯޓުތައް ފަރަށް އަރުވާލަނީ ރާވައިގެން ކަމަށާއި، އެއީ އެކަމުން މަންފާއެއް ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދު ފުންކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތަކަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ގިނަފަހަރަށް އުރިފައި ހުންނަ ބޯޓުތަކަށް ބަލާލާއިރު ފެންނަނީ ދަބަރަށްވެފަ ހުންނަ ބޯޓުތައް، ސީދާ އެކަމުން ނަފާއެއް ހޯދުމަށް ފަރަށް އަރުވާލާފައި ހުންނަ ތަން ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރަނީ ސަރުކާރާއި ބޯޓުގެ ވެރިފަރާތާއި ގުޅިގެން ކަމަށާއި، އަދި އިންޝިއުރެންސް ކުންފުންޏާވެސް އޮންނަނީ ކުރިއާލާ ވާހަކަދެއްކިފައި ކަމަށާއި، އަދި ވެލުއޭޝަންވެސް އޮންނަނީ ކުރީބައިގައި ހެދިފައި ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެެވެ.

މީގެ އިތުރުން ސަރުކާރުން އެކަމާއި ގުޅޭ މީހަކާވެސް، އެފަރާތަކަށް ދާނީ ކިހާވަރެއްތޯ ބެލުމަށްފަހު ދިވެހި ރާއްޖޭގެ ތިމާވެއްޓަށް ގެންލުންދެމުން އަންނަ މަންޒަރު ފެންނަ ކަމަށް ޝިޔާމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"މީކީ ނެވިގޭޝަން ނޭނގިގެން، ފަރުތައް ހުރިތަން ނޭނގިގެން ގިނަފަހަރަށް ވާ ކަންތައްތަކެއް ނޫން. މިއީ ހަމަ ސީދާ އެނގިގެން، ވަކިގޮތަކަށް މަންފާހޯދުމަށްތަކައި ކުރެވޭ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެއް މި ދައްކަނީ" ޝިޔާމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝީޔާމް ވިދާޅުވީ، އަދިގެ ސަރުކާރުން ވެރިކަން ކުރަމުންމިދަނީ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތް ނޭނގި ކަމަށެވެ.

ޝިޔާމްގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވީ، މި ސަރުކާރަކީ މަސްވެރިންގެ ޖީބަށް ފައިސާ ލާނެ ކަމަށް ބުނެ އައި ސަރުކާރެއް ކަމަށާއި، އެހެންނަމަވެސް މި އިވެނީ މަސްވެރިންގެ ޖީބުން ފައިސާކޮޅު ނަގަންއުޅޭ ކަމުގެ އަޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗާލު

    ޝިޔާމް ތިޔަވިދާޅުވީ ހަމަ ރަނގަޅުވާހަކަފުޅެއް ! ނަމަވެސް ނިކަމެތި ރައްޔިތުން ގެ އުޅަނދުފަހަރުވެސް އެބަހުރި ފަރަށްއަރައި އެކަމުން ސަލާމަތްނުވެ ބަނގުރޫޓްވެފަވެސް ވީ މާ އެފަދަ ހާދިސާތަކަށް އެޓެންޑުވާނެ ޒިންމާ ކުރުވޭފަދަ މުއައްސަސާއެއް ސަރުކާރުގެ ތެރޭގައި ހުރުމަކީ ކޮންމެހެންބޭނުން ބޭނުންކަމެއް ކަމަށް ދެކެން ! އެހެނީ ރާއްޖޭގައި މެއިންޓުރާންސްޕޯޓާކީ ކަނޑު އުޅަދު ކަމަށް ވާތީ

    1
    1