ކުރިޔަށް އޮތް ޗުއްޓީ ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބާރުބޮޑުވާނެތީ ދުރާލާ އަވަހަށް އެއަރޕޯޓަށް ދިޔުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައިވަނީ އެކުންފުނިން ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ ކުރިޔަށް އޮތް ޗުއްޓީ ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވައި އަވަހަށް އެއާޕޯޓަށް ދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ދިގު ކިޔުތަކާއި ފްލައިޓު ޑިލޭތަކަށް ޖާގަނުދިނުމަށް އަވަހަށް އެއާޕޯޓަށް ގޮސް ޗެކިންގ ވުމަށް އެދޭ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ސުކޫލުތަކުގެ އަހަރީ ޗުއްޓީކަމަށް ވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަނީ ދަތުރު ކުރަމުންނެވެ. އެހެންކަމުން މިދުވަސްވަރު ވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ވަރަށް ބާރުބޮޑު ދުވަސްވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޒަަ

    ފްލައިޓް ޑިލޭވަނީ ފަސިންޖަރުންނާ ހެދިއެއް ނޫން އިނގޭތޯ، ހާއްސަކޮށް މޯލްޑިވިއިން މިއީ އާންމުކޮށް ޑިލޭވާ ފްލައިޓެއް އަބަދުވެސް އިންޖީނެއްގަ މައްސަލައެއް، ފުރަތަމަ ވީ ތިތަނުގެ ފެންވަރު ރަނގަޅުކުރަން.