މ. މުލީ ކައުންސިލުން ގޯތި ދޫކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމުން އަލުން ގޯތި ދޫކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީ އިން މުލީ ކައުންސިލަށް ފޮނުވާފައިވާ ލިއުމެއްގައި ވިދާޅުވެފައި ވަނީ، ބީލަމާ ބެހޭ ޤާނޫނު 1/2002ގެ 41 ވަނަ މާއްދާގައި ވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުރުތުތައް" އާއި ހިލާފަށް އެއްވެސް ޝަރުތަކަށް އުނި އިތުރުކަމެއް ގެންނަ ކަމުގައި ވާނަމަ އެކަން ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީގެ ހުއްދަ އާއި އެކު ކަމަށެވެ. އެހެން ކަމުން އެފަދަ ކަމެއް ކުރާ ނަމަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ހުއްދަ ލިބިގެން އެފަދަ ކަމެއް ކުރުމަށް އޭސީސީ އިން ފޮނުވި ލިއުމުގައި ވަނީ އެދިފައެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނުގެ 23 ވަނަ މާއް ބަޔާންކޮށްފައި ވަނީ ރަށު ކައުންސިލްގެ މަސްއޫލިއްޔަތު ތަކާއި ބާރުތަކުގެ ތެރެއިން ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ހިންގައި ތަރައްގީ ކުރުމަށް ކަމަށާއި، އަދި އެމާއްދާގެ (އ) ގައި ބާޔާން ކޮށްފައިވަނީ ވެސް ބިމާއި ބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތައްވެސް ގާނޫނުތަކާއި ގަވައިދުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށް އޭސީސީ އިން ފޮނުވި ލިއުމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާނޫނު ނަންބަރު 7/2010ގެ 24 ވަނަ މާއްދާގެ "ރަށު ކައުންސިލްތަކުން ދޭ ހިދުމަތް" (ފ) ގައި ބަޔާން ކޮށްފައި ވަނީ، ދިވެހި ރާއްޖޭގެ ބިމާއި ބެހޭ ގާނޫނާއި އެއްގޮތަށް އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ތައާރަޒު ނުވާ ގޮތުގެ މަތިން ރަށުގެ ބިން ދޫކުރުމަށާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމަށް ކަމަށާއި، ދިވެހި ރާއްޖޭގެ އިމާރާތް ކުރުމުގެ ގަވައިދު ތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދައިފައިވާ އެންމެހައި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގެދޮރު އިމާރާތް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަަމަށް އޭސީސީ އިން ވަނީ ވިދާޅުވެފައެވެ. އަދި އެމާއްދާގެ ދަށުން ރަށުގެ ބިންތަކާއި އިމްރާތްތަކުގެ ރެކޯޑް ބެލެހެއްޓަން ޖެހޭ ކަމަށްވެސް އޭސީސީ އިން ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން މީގެ ކުރިންވެސް އޭސީސީ އިން އަންގައިފައިވާގޮތުގެ މަތިން ކައުންސިލުން އުނި އިތުރު ކުރަން ބޭނުންވާ އެއްވެސް ޝަރުތެއް އުނި އިތުރު ކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި އެދި އެއޮތޯރިޓީގެ ހުއްދަ އާއި އެކު އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ނަން ހާމަ ނުކުރުމަށް އެދި "ވަގުތު" އަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވަނީ މިހާރު ތިން ފަހަރެގެ މަތިން، މައްސަލަ ތަކެއް ހުރުމުގެ ސަބަބުން އޭސިސީ އިން އަލުން އިއުލާން ކުރުމަށް އެދި މ. މުލީ ކައުންސިލަށް ލިއުން ފޮނުވައިފައިވާކަމަށާއި އެހެން ނަމަވެސް އޭސީސީގެ އެެންގުމަށް ކައުންސިލުން އަދިވެސް ތަބާވެފައި ނުވާ ކަމަށެވެ.

އަދި ތުންތުން މަތިން ވާހަކަތައް އަޑުއިވިފައިވާ ގޮތުގައި ކައުންސިލުން އަލުން އިއުލާން ކޮށް އޭސީސީ އިން އަންގައިފައިވާ ކަންކަން އިސްލާހުކުރުމަށް ދެކޮޅު ހަދައިފައި ވަނީ 2014 އަހަެރުގެ ފަހުން މުލިން ގޯތި ދޫކޮށްފައި ނުވުމުގެ ސަބަބުން ކައުންސިލް އިންތިހާބުގެ ތެރޭގައި ކައުންސިލް ދައުރުގައި މުލިން ގޯތި ދޫކުރުމަށް ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު ވައުދުވެލައްވާފައި ވުމުން ކަމަށް އޭނާ ކިޔައިދިނެވެ.

އަދި ކައުންސިލް ރައީސް އާއިލާ އަށް ނިސްބަތްވާ ފަސް ފަރާތަކަށް ގޯތި ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

"ތުންތުން މަތިން ވާހަކަތައް އަޑު އިވޭ ގޮތުގައި، ކައުންސިލުން ދޫކޮށްފައިވާ ގޯތިތަކަކީ 2014 ވަަނަ އަހަރުން ފެށިގެން ގޯތި ދޫނުކޮށް އޮތީމަ ކައުންސިލްގެ ރައީސް ވެފައިވާ ވައުދެކޭ ކިޔާ އަޑު. މިފަހަރު ގޯތި ދޫކުރި އިރު ކައުންސިލް ރައީސްގެ އާއިލާ ފަސް ފަރާތަކަށް ވަނީ ގޯތި ދޫކޮށްފައި" އޭނާ ކިޔައިދިނެވެ.

މިކަމާއި ގުޅިގެން "ވަގުތު" އިން ކައުންސިލްގެ ރައީސް އަހުމަދު ޝާތިރަށް ގުޅާލުމުން އޭނާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އަދި އޭނާ ވިދާޅުވީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އޭސީސީ އިން އަންގައިފައިވާ ގޮތަށް އަލުން އިއުލާން ކޮށްގެން ކަމަށާއި އެހެން ނަމަވެސް އޭސީސީ އިން ފޮނުވައިފައިވާ ސިޓީ ތަކަކީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ފޮނުވައިވާ ސިޓީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އަމަލެއް އޭސީސީ އިން ކުރަމުން ދާނަމަ، ކައުންސިލުގެ ފަރާތުން އޭސީސީ އަށް ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތި މައުލޫމާތު ދިން ފަރާތަކުން ދީފައި ތިވަނީ ހައްތަހާވެސް ދޮގު މައުލޫމާތުތަކެއް. އެމީހުން މަސައްކަތް ކުރަމުން ދަނީ މޮޅު ވާހަކަތަކެއް ފަތުރައިގެން ކައުންސިލާ ރައްތިތުންނާއި ޖައްސައި ރަށުތެރޭގައި ެރުޅިވެރިކަން އުފެއްދުމަށް. އޭސީސީ އިން ފޮނުވައިފައިވާ ލިއުމެއް މި ކައުންސިލުން ގަބޫލެއް ނުކުރަން. ދައުލަތުގެ އެއްވެސް އިދާރާ އަކުން އޭސީސީ އިން ކޮރަޕްޝަނުގެ އަމަލެއް ހިންގި ނަމަވެސް އެކަމެއްގެ ދައުވާ އުފުުލުމުގެ ބާރު އޮންނާނެ. އޭސީސީ އަށް ދައުވާ އުފުލަން އަހަރުމެން މިތިބީ ތައްޔާރަށް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުލިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 34 ގޯއްޗެވެ. ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ގޯތި ދޫކުރަން އިއުލާނު ކުރިތާ އެއް އަހަރު ވެއްޖެއެވެ. އަދި ދޫކޮށްފައިވާ ގޯތިތައް މިހާރު ވަނީ ސާފުކޮށް ބަދަލު ކަންކަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިލޯބެ

    ޝާތިރުގެ އާއިލާ މީހުންނަށާއި އޭނަގެ ގާތް ރައްޓެހިންނަށް ގޯތި ދީފަ އެބަހުރު މިއީ ހަގީގަތް. ހެޔޮނުވާނެ ޝާތިރު ތިގޮއްދޫކޮށްލާ އަންނަ އިންތިހާބއެއްގަ ޝާތިރު އާއި ޝާތިރުގެ ބޯއީ ނައިބް މުޙައްމަދު ލަތީފް ތިގޮއްދޫކޮށްލާ. ޥަރަށް ގަދަ ދެމީގުންމިއީ މުލިން ގޯތި ދީ އެތައް ނިކަމެތި ރައްޔިތުންއަތުން ކިހާ ރުފިޔާ އެއްމިބޭކާރުކޮށްލީ ހެޔޮނުވާނެ. ޝާތިރުއަށްވުރެ މަތީގަ ހުންނަ ބޭފުޅެއް އަދި މުލީ ނައިބްމިއީ ޝުކުރިއްޔާ ކަލޭމެން 2 މީހުންނަށް އަންނަ ދައުރަކަށް ހޮވިފަތިބީ މިހާރުވެސް.

    6
    4
  2. ނާސިދު

    އެމްޕީގެ މުޅި އައުލާދައް މުލިން ގޯތި ލިބެން ޖެހޭތަ އައިބު އަންތަރީސްވޭ

    5
    3
  3. ނާސިދު

    ކިލޯބެގެ ނަމުގަ ކޮމެންޓް ކޮއްފަ އޮތީ އެމްޕީގެ ކޮއްކޮކަން އެންމެންނައް އިގޭ ޕޮލިސް ކޮއްކޮ

    6
    1
  4. މޫސާ ރައފް

    ޢަންނަ ދައުރަކަށް އެމްޕީގެ ފައުޖެއް ރެޑީކުރަން އެބަ. ގޮތި ވެސއ އޭރުން ލިބޭނެ އެންމެނަށް. ޢެކަމު ޕޮލިސް މީހުން ސިޔާސީ ވީމަ ހަޑި ދޯ. މާތް ﷲ ގަންދީހުވާކޮށްގެން ތިބެ

  5. ކާޅުކެއަސް ސޮއްނުގޮވާ

    ޢައްޑޫގައި މިހާރު ހުޅުވަންއުޅޭ ޓާރޝަރީ ހޮސްޕިޓަލް ހުރި ސަރަޙައްދުން ރައްޔިތުންނަށް ދޫކުރި ބިންތައް ކޮންވެންޝަން ސެންޓަރު އެޅުމުގެ ނަމުގައި ނަގައި އެފަރާތްތަކަށް ބަދަލުގައި ބިންދޭނެކަމަށް ނަންބަރެެއް ދޫކުރުމަށް ފަހު މިއަދާހަމަޔަށް ވެސް އެދޫކުރި ނަމްބަރުތަކަށް ބިން ޙަވާލު ނުކޮށް ކޮންވެޝަން ސެންޓަރު އެޅުމަށް ކަމަށް ބުނެ ނެގި ބިންތަކުން ބައެއް ބިންތައް ތިމާމެން ބޭނުން ފަރާތްތަކަށް ދޫކޮށް އެތަށް ރައްޔިތުންނެއ

  6. ކާޅުކެއަސް ސޮއްނުގޮވާ

    ވެއްޓުނު ރައީސުގެ 3 އަހަރުގެ ވެރިކަމުގަ ކޮންވެންޝަން ސެންޓަރެއް އެޅުމަށް ކަމަށްބުނެ އެތައްބައެއްގެ ގޯތިނަގާ ބަދަލުގަ ބިން ދޭނެކަމަށް ބުނެ ނަންބަރެއް ދިނުމަށް ފަހު މިއަދާ ހަމަޔަށްވެސް އެދޫކުރި ނަންބަރުތަކަށް އައްޑޫ އެތަށް ރައްޔިތަކަށް ބިންދޫނުކޮށް މާލޭގެ ރަށްވެހިންނަށާ ކައުންސިލުގެ ބޮޑުން ބޭނުން ބަޔަކަށް އެނެގި ބިންތަކުން ބިންދީފަ އެބަވޭ. އަދި އައްޑޫ އެތަށް ރައްޔިތަކު ބިމަށް އެދި ހުށަހެޅިފަހުން ދަރިންވިހާ އެދަރީންނަށް ދަރީން ލިބުނު އިރުވެސް އެއޮތް ބޮޑު އައްޑުއިން ބިން ނުދީ މާލޭ މީހުންނާ ކައުންސިލް ބޮޑުންނާއި އިންޑިޔަ އަށް އެއްމޭލުގެ ސަރަޙައްދު އައްޑޫގެ ބިމުން ލިބުނު މައްސަލަ ނުބަލަނީ ކީއްވެބާ؟؟؟