މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުމަށް މީހުން ހޯދުމަށް ކުރިއަށްގެންދިޔަ ވޯކިންގ އިންޓަވިއުއަށް 600 އަށްވުރެ ގިނަ މީހުންނާއި އިންޓަވިއުކޮށްފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ވޯކިންގ އައިންޓަވިއުއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 150 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނު ކުރުމުން 688 މީހަކު ވަނީ މިވަޒީފާތަކަށް ކުރިމަތިލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

ވެމްކޯ އިން ބުނީ، މި ވަޒީފާތަކަށް މީހުން ހޮވުމުގެ ޕްރޮސެސް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވަޒީފާއަށް ހޮވުނު މީހުންނަށް އެކަމުގެ ލިޔުން ފޮނުވާނެކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

އެ ވަޒީފާތަކަށް ހޮވުނު މީހުން މި މަހު 22 ވަނަ ދުވަހު އޮޕަރޭޝަނަށް ނެރޭނެކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކްތައް ސާފުޠާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާ ދިވެހިންނާއި އިންޓަވިއުކޮށް އެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، ވެމްކޯއަކީ މިހާރުވެސް މުޅި ކުންފުނީގެ 81 އިންސައްތަ ދިވެހި މުޒައްޒަފުންނާއެކު ހިންގަމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.