2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދަޢުވާ ކޮށްފައިވާ ހަތް މީހުންގެ ޝަރީޢަތް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲއާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒްއާއި، ޖުނައިޙު ޢަބްދުﷲއާއި، ޙަސަން މަޙުފޫޒާއި ސިމާޙު މޫސާގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް އަޙުމަދު ޒަޔާނާއި، އުޘްމާން ޝަރީފާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދަޢުވާ ކޮށްފައިވާ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ދިޔައީ މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާޢުން ފާހަގަ ކޮށްފައިވާ ނުކުތާތަކާއި ގުޅިގެން ޝަރީޢަތުން އެކަންކަމަށް ގޮތެއް ކަނޑައެޅުމެވެ. އެގޮތުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު މި މައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާޤުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމާއި ގުޅޭގޮތުން މިއަދުގެ ޝަރީޢަތުގައި ވަނީ ގޮތް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައިވާ އަފްރާޙުގެ ދިފާޢީ ވަކީލް، އާދަމް އާސިފް ވިދާޅުވީ، ދަޢުލަތުން އެ މައްސަލައިގެ ދަޢުވާ ހުށަހެޅިއިރު، ދަޢުވާ ފޯމުގައި ހިމަނަންޖެހޭ ކިތާބީ ހެކީގެ މަޢުލޫމާތު ހިމަނާފައިނުވާ ކަމަށާއި، އެހެންނަމަވެސް ސިޓީއަކުން އެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ޖިނާޢީ އިޖުރާޢަތުގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދަޢުލަތުން ހުށަހަޅަން ބޭނުންވާ ހެކީގެ މަޢުލޫމާތު ދަޢުވާގެ ސީޣާގައި ބަޔާންކުރަންވާނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދަޢުވާ ކޮށްފައިވާ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން

މިކަމާއި ގުޅޭގޮތުން ދަޢުލަތުން ވިދާޅުވީ، ދަޢުވާ ފޯމުގައި ހެކީގެ މަޢުލޫމާތު ހިމަނާފައިވާނެ ކަމަށާއި، އަދި ސިޓީއަކުން އެކަމުގެ ތަފްޞީލު ވެސް ކޯޓާއި ޙިއްޞާކޮށްފައި ވާނެ ކަމަށެވެ. ދިފާޢުން ފާހަގަކުރި މި ނުކުތާއާއި ގުޅިގެން މި މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ، މި މައްސަލައިގެ ދަޢުވާ ހުށަހަޅާފައިވަނީ ރަނގަޅަށް ކަމަށާއި، އެހެންކަމުން މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، އަހުމަދު ޒަޔާނާއި އުޘްމާން ޝަރީފްގެ ދިފާޢީ ވަކީލު، މުޙައްމަދު ނިޝާން އިބްރާޙިމް ފާހަގަކުރެއްވި ނުކުތާތަކަށްވެސް މިއަދުގެ ޝަރީޢަތުގައި ޤާޟީ ވަނީ ޖަވާބުދެއްވާފައެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާން

އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިޝާން ވިިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، ޤާނޫނު ނަމްބަރު 17/2010، (ބިރުދެއްކުމާއި، ނުރައްކާތެރި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށާއި، އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ އިސްތިސްނާ، ސާފުވާނެހެން މާނަކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން އެ ދަޢުވާއެއް ކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މާއްދާގެ (ނ)ގައި ބުނެފައިވަވާ ގޮތުން، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކަކީ އާއްމު އުޞޫލުން ޢަމަލުކުރެވޭ މުއްދަތު ތަކެއް ނަމަވެސް، ޢަދުލް އިންސާފު ޤާއިމު ކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަންވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދަޢުވާ ކޮށްފައިވާ ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒް

މިކަމުގެ ޖަވާބުގައި ޤާޟީ ވިދާޅުވީ، ޤާނޫނު ނަމްބަރު 17/2010، (ބިރުދެއްކުމާއި، ނުރައްކާތެރި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުން، މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު ފުރިހަމަށް ދަޢުލަތަށް ލިބިގެންވާ ކަމަށާއި، އެހެންކަމުން، މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ.

މި މައްސަލައިގެ ޝަރީޢަތް މިއަދުން މިއަދަށް ފައްޓަވައިދެއްވުމަށް ދިފާޢީ ވަކީލުން މިއަދު އެދިވަޑައިގެންނެވި ނަމަވެސް، ކޯޓުގެ ޝަރީޢަތްތައް ތާވަލްކުރެވިފައި އޮތް ގޮތުން މިއަދު ޝަރީޢަތް ފެށެން ނެތް ކަމަށް މައްސަލަ ބައްލަވާ ޤާޟީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އެތައް ދުވަހަކަށްފަހު އުއްމީދީ ޚަބަރެއް. ތިތިބި ތަނުން އެކަކުގެ މައްޗަށް ނުވަތަ އެންމެންގެ މައްޗަށް ދަޢުވާ ސާބިތުވި ނަމަވެސް އެބަޔަކު މެރުމަށް ދިވެހި ސަރުކާރަށް ގޮވާލަން. އެބަޔަކު މެރުމާ މެދު ޢާއިލާއިން އިންކާރު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. ތިކަން އަވަސްކުރޭ!

    22
    3
  2. މިތާ

    ރައީސް ޔާމިން ވިދާޅުވީ އަނަސް އަށް އެރޭ ނުބައި ކުލައެއްގެ ޓީޝާޓެއް ލެވުނީ ކަމަަށް, އަސްލު މަރާލަން ބޭނުންވި މީހާއާ އެއްކުލައިގެ ޓީޝާޓެއް އެރޭ އަނަސްއަށް އިއްތިފާޤަކުން ލެވުމުން އެސޮރު އެމަރާލީ.. ޕިސްޕިސް ހެޔޮވާނީ ކިހިނެއް, ހިތައް ހަމަ އެއްޗެއް އަރުވާނުލާ ނުބައިމީހަކު ތިމަރާލީ

  3. މިތާ

    އަނަސް މަރާލލީ ނުބައި ޓީޝާޓެއް ލެވިގެން ކަމަށް ރައީސް ޔާމިން ވިދާޅުވި.