ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި އިންޑިއާއިން ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެހީގައި އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން ދިން އެހީއެއް ކަމަށެވެ.

އެގޮތުން އެ އިމާރާތް މަރާމާރު ކުރުމަށް 1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ދޭނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްޤީކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.