ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެކޯޕަރޭޝަން އިން ވިދާޅުވެއްޖެއެވެ.

ވެމްކޯ އިން މިހެން ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި އެކޯޕަރޭޝަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކަށް ބަޔަކު ގޯނާ ކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އެކޯޕަރޭޝަނުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ރޭ ރަޖިސްޓްރީނުކޮށް ހުރި ގޭބިސީއެއްގެ މީހަކު ކުނިކޮތަޅެއް އުކައި ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުން އަނިޔާ ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ޔޫނުސް އާދަމް ނަމަކަށް ކިޔާ މުވައްޒަފަކަށެވެ.

ވެމްކޯ އިން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ، ބުރަ މަސައްކަތް ކުރަމުން ދާ ވެމްކޯގެ ކުނި ނަގާ މުވައްޒަފުންނަށް ވީހާވެސް އަމާން މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ ޔޫނުސް އާއި ބައްދަލް ކުރައްވައި އޭނާ ކުރަމުންދާ މަސައްކަތަށް ހިތްވަރު ދީފައެވެ. ވެމްކޯގެ އެމްޑީ ޔޫނުސް އާއި ބައްދަލު ކުރައްވައި ވިދާޅުވީ ޔޫނުސް ރޭގައި ކަންތައް ކޮށްފައި ވަނީ އެންމެ ރަނގަޅު ގޮތަށް ކަމަށާއި، ރަޖިސްޓްރީ ނުކުރާ އެއްވެސް ގޭބިސީ އަކުން ކުނި އުކުމަކީ އެކޯޕަރޭޝަނުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ވެމްކޯއިން ބުނީ މުވައްޒަފުންނަށް އަނިޔާ ކުރުމަށް މަސައްކަތް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވެމްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ "ސާފު ރާއްޖެ" އަމާޒަށް ވާސިލު ވުމަށް ކަމަށާއި، ބުރަ މަސައްކަތް ކުރަމުންދާ ވެމްކޯގެ މުވައްޒަފުންނަށް އެއްވެސް ގޮތަކުން އަނިޔާއެއް ނުވަތަ އެހެންވެސް ދެރަ އަމަލެއް ނުކުރުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ލުހުން ވިދާޅުވި ގޮތުގައި، ވެމްކޯ މުވައްޒަފަކު މަސައްކަތުގައި ހުއްޓައި އޭނާއަށް ހަމަލާދިން މި ހާދިސާ ހިނގާފައިވަނީ ރޭ 7:45 ހާއިރު ކަމަށެވެ. މި ހާދިސާ ގައި ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ، ކުނި ކޮތަޅުން އޭނާގެ ބޮލުގައި ޖެހުމަށްފަހު އޭނާގެ ގައިގައިވެސް ޖެހި ކަމަށް ވެއެވެ.

ފުލުހުން ވިދާޅުވީ، އެ މުވައްޒަފަށް ހަމަލާ ދީފައިވަނީ ފަނޑިޔާރު މަގުގައި މަސައްކަތުގައި ހުއްޓައި އެ މަގުގައި ހުރި ގެޔަކުން ނުކިތް ފިރިހެނެއް ކަމަށާއި، އޭނާ މުވައްޒަފަށް ހަމަލާ ދިނީ، ރަޖިސްޓްރީ ނުކޮށް ވެމްކޯގެ އުޅަނދަށް ކުނި އަރުވަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކަމަށެވެ.

ފުލުހުން މިހާރު މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންދާއިރު، މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިންވެސް މަސައްކަތުގައި އުޅުނު ވެމްކޯ މުވައްޒަފަކަށް މީހަކު ހަމަލާ ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ، މީހަކު ވެމްކޯ މުވައްޒަފަށް ހަމަލާދިން އެ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.

ވެމްކޯގެ މުވައްޒަފުން ދަނީ ކޮންމެ ދުވަހަކު 27،000 އަށްވުރެ ގިނަ ގޭބިސީ ތަކުގެ ކުނި އުކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރިޝްމީި

    އެމީހުން ހަޤީގަތުގަވެސް އެކުރަނީ ވަަރަށް ބުރަ މަސައްކަތެއް، އެހާ އިހާނެތިކޮށް ކަންތައް ކުރަން ހެޔޮނުވާނެ

    12
  2. Anonymous

    ފުރަތަމަ ވެމްކޯގެ މުވައްޒަފުން ނަށް ރީތި ބަހުރުވައިން ވާހަކަ ދައްކަން ދަސްކޮށްދީބަލަ

    3
    5
  3. ޛަބީ

    ތިއިން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާނެ. އެނުބައި އަމަލު ހިންގާފައި ވަނީ އެމްޑީޕީ އާއިލާ ތަކުގެ އެމްޑީޕީ މީހުން. މިކަން އެނގިހުރެ މިބުނީ.

    6
    3
  4. ބުއްބުތަލޯ

    އަނިޔާ ކުރިމީހާ ހޯދާ އެއްވެސް ގޮތަކައް މިކަން ޗޮކުން ދުތްވާލަިގެނުވާނެ ،އެހެން ޕުއްޕާޕަ އުޅެދީގެން ުވާނެ.

    7
    2
  5. މާޑު

    އަޅުގަނޑުގެ އެޕަރޓްމަންޓް ރަޖިސްޓްރީކޮށްފައި ހުންނައިރު ވެމްކޯއިން ކުނިއުކަނީ ދެރެއިން ތިން ރޭއިން ކަހަލަ ގޮތަކަށް... އެކަމާއި ގުޅިގެން ސުވާލުކުރުމުން ވެމްކޯގެ މުވައްޒަފުން ޖަވާބު ދޭނީ ވަރަށް ހަޑިކޮށް... ހުތުރު ބަހުރުވައިން. އެކަން ހުއްޓުވައި ދެއްވާ ފުރަތަމަ

    5
    1
  6. ރައްޔިތުމީހާ

    ޥެމްކޯގެ މުވައްޒަފުންގެ އަމަލާއި ބަހުރުވަ ވަރަށް ހަޑި. މުވައްޒަފުން ދިފާއު ކުރާތަން ފެންނަނީ. މުވައްޒަފުން ނަށް އެބަޖެހޭ ވެލް ބިހޭވިން އެންޑް ޑިސިޕިލިންގ އެވަޔަރނެސް ޕްރޮގްރާމް ހިންގަން. އެހެން ނޫނީ ތި ކަހަލަ ކަންތައްތައް ނުހުއްޓުވޭނެ.

    2
    1
  7. ސަހަރް

    އަނިޔާ އާ ފުރައްސާރަ ނުކޮށް އެ މަސައްކަތުގެ އަގު ވަޒަންކޮށްބަލަ

    5
    1
  8. އަދާލަތު

    ވެމްކޯގެ މުވައްޒަފުންނަކީ، އަގުވަޒަންނުކުރެވޭފަދަ ބުރަ ހަޑިމަސައްކަތެއް ޤައުމީ މަސައްކަތެއްގެ ގޮތުގައި އިޚުލާޞްތެރިކަމާއެކު ކުރަމުންގެންދާ ދިވެހި އަފުރާދުންނަށް ވީހިނދު، ދިވެހި އެއްވެސް ފަރުދަކު އެމީހުންނަށް އިހާނެތިކޮށް ޢަމަލްކުރުމަކީ، އިންސާނިއްޔަތާވެސް ޚިލާފު ޢަމަލެއް. ހަމަ ބުނާހާގެއަކުންދޭކުނި އެމީހުންނަށް އުކާލުމުގެ ފުރުޞަތެއް ނޯންނާނެ. ޤާނޫނާއި ޤަވަޢިދު ތަކާއި، އުޞޫލާއި، ހަމައިގެ ތެރެއިން ކުނި އުކާލަން ބުނެފިނަމަ އުކާލާނެ. އެފަދަ ޢަމަލްތަކަށް އަޅުގަނޑު ދެކޮޅުހަދައި ކުށްވެރިކުރަން.

  9. ސީނު

    އަޅުުގަނޑު ހަމަގައިމުވެސް ވެމްކޯ މުވައްޒަފުންނަށް ބޭރުމީހަކަށް ނުބަލައި މުއާމަލާތްކުރަނީ ވަރަށް އޯގާތެރިކޮށް