ހަނގުރާމަ އަށްދާ މީހުން ރިހިބްލިޓޭޓް ކުރާ ސެންޓަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު "ވަގުތު"އަށް ވިދާޅުވީ ދީނަށް ޓަކާ ޖިހާދުކުރުމުގެ ނަމުގައި ދުނިޔޭގައި ހަނގުރާމަ ހިނގަމުން ދާ ގައުމުތަކަށް އަމިއްލަ އަނބިދަރިންނާއި އާއިލާ ގޮވައިގެން ދާ މީހުން އެނބުރި އަތުވެއްޖެ ނަމަ އެފަދަ މީހުން އަދި، އެމީހުންގެ އާއިލާ ރިހިބްލިޓޭޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިނާ ކުރުމަށް ހަމަޖެހިފައިވާ ރިހިބްލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރ ނަޒީރު ވިދާޅުވީ، އެމަސައްކަތް ފަށައިގެން ކުރިއަށްދާތާ ދެމަސް ވެފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެތަނުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ ޑީ-ރެޑިކަލައިޒޭޝަން އެންޑް ރިހެބްލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި ގާއިމްކުރުމަށް ހިމަނާފައެވެ. އެގޮތުން އެ ސެންޓަރ އިމާރާތްކުރުމަށާއި އެހެނިހެން ހަރަދުތަކަށް ހޯމް މިނިސްޓްރީގެ ޕީއެސްޕީ ބަޖެޓުގައި ވަނީ 1.96 މިލިއަން ރުފިޔާ ހިމަނާފައެވެ. އެބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުވެސް އެމަރުކަޒަށް 500،000 ރުފިޔާ ހޭދަވާނެއެވެ.

ހަނގުރާމައަށް ގޮސް ތިބޭ މީހުންގެ އަނބިންނާއި ދަރިން ރާއްޖެގެނެސް އެމީހުން މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސީރިއާގައި ތިބި މީހުން އަނބުރާ ގެނައުމަށް ބާރުދީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސީރިއާ އަށް ހަނގުރާމައަށް ގޮސްފައިވާ އެތައް ބައެއްގެ ދަރިން ހާލުގައި ޖެހިފައި އެބަތިއްބެވެ. އަދި އޭގެ ތެރެއިން އެތައް އަންހެނުންނެއް އަޅުވެތިކަމުގެ ދަށުގައި އެބަތިއްބެވެ. އަދި އެމީހުން ނިސްބަތްވާ އާއިލާ ތަކުން އެމަނިކުފާނަށް ގުޅުއްވައި އެހީވުމަށް އެދިފައިވާކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    ތި ތަނަށް އެންމެ ފުރަތަމަ ލާންވީ ނަޒީރު އެވެ. އޭނާ އަކީ ޕާކިސްތާން އަށް އާއިލާ ގޮވައިގެން ހަނގުރާމަކުރަން ހިޖުރަ ކޮށް އެނބުރި އައިސްގެން އުޅޭ ހަރުކަށި ފިކުރު ގެ މީހެއް. ސަމާލުވޭ!!!

  2. އަޙްމަދް

    ތި ހަނގުރާމަ ވެރިންތަށް ގެނެސް ތަޙްގީގް ކޮއްލީމަ ޖަމިއްޔަތުއްސަލަފު ރަނގަޅަށް ބޭޒާރު ވާނެ.

    4
    5
  3. ބައިއެސް

    އަހަރެމެން ނިކަމެތި ދީންވެރި %100 މުސްލިމް ރައްޔިތުންގެ ފައިސާ ޖެހޭތަ އެ ޔަހޫދީ ޖިހާދީންނަށް ހަރަދުުރަން؟ އެމީހުންގެ ވިސްނުން އެއީ އަވަހަށް ބަދަލު ކުރެވޭނެ އެއްޗެއްނޫން، ކޮންމެ ވަގުތަކުވެސް ޤައުމަށް ނުރައްކާ ވާފަދަ ކަމެއް ކޮށްފާނެ، ކިހިނެއް އެނގެނީ އެމީހުން އަލުން ރާއްޖެ އަންނަނީ މިޝަނެއްގެ ތެރެއިން ނޫން ކަމެއް، ސަރުކާރު އެހޭވެސް ގަމާރު

  4. ބަކުރުބެ

    އަލީ ރަމީޒު ހައްޔަރުކުރޭ