މަޖިލީހުން އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް ފާސްކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުން ބަޖެޓު ޕްލޭން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މަޖިލީހަށް ހުށަހަޅާފައިވާ ރިކޮމެންޑޭޝަނެކެވެ. އަލީ ރިޒާ ހުށަހަޅާފައިވާ ރިކޮމެންޑޭޝަންގައި ފާހަގަކޮށްފައިވަނީ، ކައުންސިލްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އާމްދަނީ ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލުމާއި، ކައުންސިލްތަކަށް ލިބޭ އާމްދަނީ ހަރަދުކުރާ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެކަން ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހުމާއި އަދި ލޯކަލް ކައުންސިލްތަކަށް ލިބޭ ޖުމްލަ އާމްދަނީ ބޭނުންކުރާނެ ގޮތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ތައްޔާރު ކުރުމަށްފަހު ކައުންސިލްތަކުން ކުރާ ހޭދަތައް ފިނޭންސް މިނިސްޓްރީން މޮނީޓާކުރަން ޖެހުމެވެ.

މީގެ އިތުރުން ރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ޕީއެސްއައިޕީ ބަޖެޓާއި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ކައުންސިލްތަކުގެ ބަޖެޓަށް ގެނެެސްފައިވާ ބަދަލުތަކާއި ބެހޭގޮތުން، ފިނޭންސް މިނިސްޓަރ އޮޅުން ފިލުވަދޭން އެދިވަޑައިގެންފައެެވެ. އެހެންނަމަވެސް ކޮމިޓީއަށް ހާޒިވެވަޑައިގެންނެވި އިތުރު އެއްވެސް މެންބަރަކު މިކަމަށް ތާއީދުކުރައްވާފައެއް ނުވެއެވެ.

ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާއިރު، މީގެ ކުރީ އަހަރުތަކުުގައި ފިނޭންސް މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރެއެވެ. އެެހެންނަމަވެސް މިއަހަރު ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި ބައްދަލުވުމަށް ފިނޭންސް މިނިސްޓަރ ހާޒިރުކޮށްފައެއް ނުވެއެވެ.