އެމްޑީޕީ އެތެރޭގެ އިންތިހާބު މާދަމާ ބާއްވާނެ ކަމަށާއި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެންވެސް މި އިންތިހާބުގައި ބައިވެރިވުމަށް އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ މާދަމާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީ އެތެރޭ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނެކަމަށެވެ. އަދި އޭގެ އިތުރުން އަވަށްޓެރި ސްރީލަންކާގެ ކޮޅުނބުގައިވެސް ވޯޓުލުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމް މަނިކު އިތުރަށް ވިދާޅުވީ މި އިންތިހާބުގައި އެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 87،439 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އަދި އޭގެތެރެއިން 80 އިންސައްސަ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިހާބުގައި އެޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްއެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު ފަހު 14:00 އިން ހަވީރު 18:00 އަށެވެ.

ރާއްޖެތެރޭ ރަށްރަށުގެ ހަރުގެތަކުގެ އިތުރުން މާލޭގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާނެއެވެ. މާލެއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވޯޓުލާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ފަރާތްތައް ވޯޓު ލާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ފޮށްޓަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ވޯޓުލުން ކުރިޔަށްދާނީ ޣާޒީ ސުކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓުލުން ކުރިޔަށްދާނީ ވިލިމާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގލޅ

    މޑޕ މިނިވަންވެ އަމިއްލަފައި މައްޗަށް ތެދުވުމަށްޓަކައި
    ޕާޓީގެ އިސްމަގާމް ވެސް މިނިވަންވާން ޖެހެއެވެ ކެނެރީގެ
    ނަސީދަކީ މޑޕ ކަމަށް ވެއްޖެނަމަ އެޕާޓީއަށް ދައުލަތުން
    ކުރާހޭދަ ހިޔޮގޮތުގައި ބޭނުންކުރުމަށާއި ޒިއްމާދާރު ކަމާއި އެކު ގައުމަށް ޚިދުމަތް ކުރުމަށް އޮތްފުރުސަތު ގެއްލޭނެއެވެ.