ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްޗަށް ރައީސް އުފައްދަވާފައިވާ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާއި ބެހޭ ކޮމެޓީ އިން އެކުލަވާލި ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ހ. ހިކްޓޯސް އަލީ ޝާން (ސަޓޯ)ގެ ނަން ނެތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއި ގުޅިގެން އަލުން ސަޓޯގެ ނަން ހިމަނައިފިއެެވެ.

މަރު ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ މައްޗަށް އެކުލަވާލި ރިޕޯޓުގައި ސަޓޯގެ ނަން އޮތް ނަަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާއި ބެހޭ ކޮމެޓީ އިން އެރިޕޯޓު ދިރާސާ ކުރުމަށް ހަމަޖެއްސި ސަބް ކޮމެޓީ އިން ތައްޔާރުކޮށް މައި ކޮމެޓީ އަށް ދިރާސާ ރިޕޯޓު ފޮނުވައިފައި ވަނީ ސަޓޯގެ ނަން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުކޮށްފައެވެ.

ސަޓޯގެ ނަން އުނިކުރި މައްސަލަ އާއި ގުޅިގެން މީސް މީޑިއާގައި ނުރުހުން ފާޅު ކުރަމުންދާ ފަރާތްތަކުން ބުނެފައި ވަނީ ސަޓޯގެ ނަން އުނިކޮށްފައި ވަނީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ސަބް ކޮމެޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ފުރަތަމަ އެކުލަވާލި ރިޕޯޓުގައި ސަޓޯގެ އިތުރުން އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އެންމެންގެ ނަން އޮތުމުން، ސަބް ކޮމެޓީގެ ރިޕޯޓުގައި ސަޓޯގެ ނަން ނެތް ނަމަވެސް، އެމައްސަލައިން އޭނާ އިސްތިސްނާ ނުވާނެ ކަަމަށެވެ. ހަސަން ލަތީފް ވަނީ ރޭ ބޭއްވި ކޮމެޓީ ބައްދަލު ވުމުގައިވެސް ގިނަ ބަޔަކު މީސް މީޑިއާގައި ސަޓޯގެ ނަން ރިޕޯޓުގައި ނެތް ކަން ފާހަގަކޮށް ނުރުހުން ފާޅު ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.

މިސަރުކާރުން ވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން އިސް މަގާމެއް ދީފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަށް ފަހު ވެސް އޭނާ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނާތީ ފާޑުކިޔުން އަމާޒު ވުމާއި ގުޅިގެން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.