މާފުށީ ޖަލު
މާފުށީ ޖަލު

ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު ގެޒެޓްކޮށް އެޤަވައިދަށް އަމަލު ކުރަން ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން އާންމު ކުރި ގަވާއިދުގެ މަޤްޞަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށާއި، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ޤައިދީންނާއި ޖަލުތަކުގައި މަސައްކަތް ކުރާ ޖަލު އޮފިސަރުންނާއި އަދި ޖަލުތަކަށް އެކިއެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބާރުގެ ބޭނުންކުރުމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޖަލު އޮފިސަރުންނަށް ލިބިދޭ އިޚުތިޔާރުގެ ބޭނުންކުރާނެ ހާލަތްތައް އަންގައިދީ، އެފަދަ ހާލަތްތަކުގައި އިޚުތިޔާރާއި ބާރުގެ ބޭނުންކުރާނެ މިންވަރު އަންގައިދީ އަދި ޖަލު އޮފިސަރުން ހަތިޔާރު ގެންގުޅުމުގައާއި ބޭނުންކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތައް މިޤަވައިދުގައި ވެސް ހިމަނާފައި ވެއެވެ. އެއީ ޙުުކުމް ތަންފީޛު ކުރަންޖެހޭ މީހުން ގަވާއިދާ އެއްގޮތަށް ހިފައި ހައްޔަރު ކުރުމާއި، އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގޮތުން، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރާ ޞައްޙަ އަމުރަކަށް ނުކިޔަމަންތެރިވާ ޤައިދީން ނުވަތަ ބަންދުމީހުން ކިޔަމަންތެރި ކުރުމުގެ ގޮތުން ޤާނޫނާއި ގަވާއިދު ހުއްދަ ކުރާގޮތެއްގެ މަތިން އަދި ޤާނޫނާއި ގަވާއިދު ހުއްދަ ކުރާ މިންވަރަށް ބާރުގެ ބޭނުން ކުރުމެވެ.

އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި މި ގަވާއިދާއި ޖަލު އަމުރުތަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ބިޑިއާއި، މުގުރާއި، ޕެޕަރ ސްޕްރޭ، ކަރުނަ ގޭސް، ސްޓަން ގްރެނޭޑް، ރަޔަޓް ގިޔަރ، ޓޭޒަރ ގަން، ސްޓަން ގަން، ރަބަރ ބުލެޓް ގަން، ބާރު ސްޕީޑްގައި ނުވަތަ ޕްރެޝަރުގައި ފެން ޖެހުމާއި، މީހުންގެ ފުރާނައަށް ނުރައްކާ ނުވާ ފަދަ ހަތިޔާރު ބޭނުން ކުރުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނޫގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ޚިލާފު ނުވާގޮތަށް ޤައިދީން ނުވަތަ ބަންދުމީހުންގެ ހަށިގަނޑާއި އެމީހުންގެ އެއްޗެހި ބަލައި ފާސްކުރުމާއި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޤައިދީންނަށް ނުވަތަ ބަންދުމީހުންނަށް އަމުރު ކުރުމެވެ.

ބާރުގެ ބޭނުން ކުރުމުގެ ކުރިން ޤަވައިދުގައިވާ ގޮތަށް ނަސޭހަތާއި އިންޒާރު ދޭންވާނެ ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

ކޮންމެ ހާލަތެއްގައިވެސް ބާރުގެ ބޭނުން ކުރަންވާނީ، މީހުންނާއި ތަކެއްޗަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް ބަލައި، އެ ހާލަތަކާ އެންމެ އެކަށީގެންވާ އަދި އެ ހާލަތެއް ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާނެ އެންމެ ކުޑަ މިންވަރަކަށް ކަމަށް ވެސް ޤަވައިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު