ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ވަޅިން ހަމަލާ ދިނުމަށް ފަހު މީހަކު ކަނޑަށް އެއްލާލި މައްސަލަގައި އެކަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދޯނީގެ ފަޅުވެރިއެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޮންއިރަކު ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވަޅިން ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލީ ރ. މަޑުއްވަރީ މީހެކެވެ. އަދި އެ ދޯންޏަކީވެސް އެރަށަށް ނިސްބަތްވާ ލަނޑާ ނަގާ ދޯންޏެކެވެ.

އެ ދޯނީ ތެރޭގައި ހިނގި މާރާމާރީގައި އޭނާ ކަނޑަށް އެއްލާލުމުން، ފަތާފައި އެރީ އއ.މާޅޮހަށެވެ. އަދި އޭނައަށް އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށާއި، އިތުރު ފަރުވާ އަށް އޭނާ މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާކު ބުންޏެވެ.

އޭނާގެ ހާލު ސީރިއަސް އެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

އޭނާ ޒަހަމްވެފައިވަނީ ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައެވެ. އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާކަމަށް މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.