މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ނޮޅިވަރަމްގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޝާހިދާގެ ފިރިމީހާ އަބޫބަކުރު އިބްރާހިމް ފުލުހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ނޮޅިވަރަމުންނެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ޝާހިދާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަބޫބަކުރުގެ ބަންދަށް 15 ދުވަސް ކުޅުދުއްފުށީ ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އުމުރުން 41 އަހަރުގެ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ ހދ. ނޮޅިވަރަމްގައި އޭނާ ދިރިއުޅޭ ގޭގެ ގިފިލި ތެރެއިންނެވެ. ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނު އިރު ވެސް އޮތީ މަރުވެފައެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ދަން ޖެހިފައި ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން އޭނާގެ ޕޯސްޓް މޯޓަމް ވެސް ހަދާފައެވެ.