2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕައްފަހު ދެން ސާފް ޗެމްޕިއަންޝިޕް އޮންނަ އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އުއްމީދު ކުރިނަމަވެސް އެމުބާރާތް ޕާކިސްތާނުގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

2020 ވަނަ އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕް ޕާކިސްތާނުގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމާފައިވާކަމަށް ޕާކިސްތާނުގެ މީޑީއާތަކަށް އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލެއް ވަނީ މައުލޫމާތު ދީފައެވެ.

ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުން އިންޑިއާ ގައި އެންމެ ފަހުން ބޭއްވި މުބާރާތައް ފަހު ދެން ސާފްޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް، ބަންގްލަދޭޝްގައި ބާއްވަން ނިންމާފަނީ 2015 ވަނަ އަހަރުގެ ސާފް ބައްދަލުވުމުގައެވެ.

މިދިޔަ އަހަރު އިންޑިއާގައި 17 އަހަރުން ދަށުގެ ވޯލްޑްކަޕައް އެގައުމު ތައަޔާރު ވަމުން ދިޔުމުގެ ސަބަބުން، މިދިޔަ އަހަރު ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް ވަނީ އިންޑިއާގެ އެދުމުގެ މަތިން މިއަހަރަށް ފަސް ކޮށްފައެވެ. އެއީ އެދަނޑިވަޅު އިންޑިއާ ލީގުވެސް މެދުކަންޑާލަން ޖެހުމުގެ ސަބަބުންމެވެ.

2015 ވަނަ އަހަރުގެ މުބާރާތް އޯގަނައިޒް ކުރި ވޯލްޑް ސްޕޯޓްސް ގްރޫޕުން ބަންގްލަދޭޝްގައި މުބާރާތް ބޭވުމައް ވަރަށް ބޭނުންވިއެވެ. ތަރުތީބުން ދާނަމަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ލިބެންޖެހެނީ ރާއްޖެއަށެވެ. އެހެން ނަމަވެސް ރާއްޖެއަކަށް ފުރުސަތެއް ނުލިބެއެވެ.

ފީފާއިން ވަނީ ޕާކިސްތާނު ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުވެސް ކޮށްފައެވެ. އެއީ ޕާކިސްތާނު ކޯޓުން، ޕާކިސްތާނު ފުޓުބޯޅަ ފެޑެރޭޝަނުގެ މައްޗައް ހުކުމްތަކެއް ކުރުމުގެ ސަބަބުންނެވެ. އޭގެ ފަހުން އަދި މިވީ ގާތްގަންޑަކަށް މަހެއްހާ ދުވަހެވެ.

ޕާކިސްތާނު ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ފައިސަލް ސާލިހު ހައްޔާތު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނު ފުޓުބޯޅަ ވަނީ ދަތި ދުވަސްތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި މިހާރު އެދުވަސްތަކަށް ވަނީ ނިމުމެއް އައިސްފައި ކަމަށެވެ. ޕާކިސްތާނުން ވަނީ ހާދިމް އަލީ ޝާހް ސާފް ގެ ނައިބު ރައިސް ކަމަށްވެސް އިންތިހާބު ކޮށްފައެވެ.