ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން މަޖިލީހަށް ވަންނަން ދިއުމުން ސިފައިން މިއަދު ވެސް ހުރަސް އަޅައިފިއެވެ.

އިއްޔެއެކޭ އެއްގޮތަށް މެމްބަރުން މިއަދުވެސް މަޖިލީހަށް ވަންނަން މަސައްކަތް ކުރީ މަޖިލިސް އަލުން ހުޅުވާނެ ދުވަހެއް ސާފުކުރުމަށެވެ.

މަޖިލީހުގެ ގޭޓުން އެ މެމްބަރުންނަށް އިއްޔެ ވަދެވުނު ނަމަވެސް އެ ފުރުސަތު ސިފައިން މިއަދު ދީފައެއް ނުވެއެވެ. އެ ފުރުސަތު ނުދިނުމުން ބައެއް މެމްބަރުން ވަނީ ގޭޓް މަތިން މަޖިލީހުގެ ގޯތި ތެރެއަށް ފުންމާލާފައެވެ. ނަމަވެސް ސިފައިން ވަނީ އެ މެމްބަރުން ގޭޓު މަތިން ބޭރަށް ނެރެފައެވެ.

ގޭޓް މަތިން ބޭރަށް ނެރުނު މެންބަރުގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހިމެނެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހޭނެއެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޖަލްސާ މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފައިވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލްކޮށްފައެވެ.