ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ މީހުން ރާއްޖޭގައި އުޅުމުގައި ސަމާލުވާން އަންގައިފި އެވެ.

ޔޫއޭއީން އެހެން ބުނެފައިވަނީ ޔޫއޭއީގެ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ (އެމްއޯއެފްއޭއައިސީ)ގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އަރަބި ބަހުން ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާތީ ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ނުކުރުމުން އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލިކުރުމުގެ ސަބަބުންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ގިނަ ގައުމު ތަކުން ދަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޓްރެވަލް އެލާޓްތައް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި އިނގިރޭސިވިލާތާއި އަދި އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ އެއްގައުމު ކަމަށްވާ ޗައިނާއިން ވަނީ އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ އަށް ނާންނަން އަންގާފައެވެ.

ރާއްޖެ އައުމުގައި ސަލާލުވުމަށް ޔޫއޭއިން އަންގައިފައިވާއިރު ފާއިތުވި އަހަރު 10،000 ވުރެއް ގިނަ ޔޫއޭއީގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު