ހުޅުލެ އާއި ހުޅުމާލޭ ގުޅޭ ހަލިމަގުގެ ލައިޓްތައް ދިއްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މާލޭއާއި ހުޅުމާލެ ގުޅުވަން އަޅާފައިވާ ބްރިޖްގެ ހަލިމަގުގެ ވަކި ހިސާބެއްގެ ލައިޓްތައް ނިވިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ ބަޔަކު މީސްމީޑިއާގައި މިގޮތަށް ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެޗްޑީސީން ވަނީ އެކަމާއި ގުޅިގެން މިއަދު ޓްވިޓެއް ކޮށްފައެވެ.

އެޗްޑީސީން ކުރި ޓްވިޓުގައި ބުނެފައިވަނީ ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހަލިމަގުގައި ޖަހާފައިވާ ލައިޓްތައް ނިވިފައިވަނީ ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ވަގުތީ ގޮތުން އެކަމަށް ހައްލެއް ލިބިފައިވި ކަމުގައިވިއަސް ދާއިމީ ހައްލެއް އެކަމަށް ލިބިފައިނުވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، އެކުންފުނިން މިހާރު އަންނަނީ އެމައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅޭ އިދާރާތްތަކާއިއެކު މަސައްކަތް ކުރަމުން ކަމަށެވެ. އެޗްޑީސީން ވަނީ މިކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު