މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުނު މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ސ.ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުއައިދާއި، ގދ.ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީން އަދި ކ.މާލެ ހ.ހިލްޓަން އަޙްމަދު އާލިފް ރައޫފްގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާގެ މިއަދު ޝަރީއަތް މިއަދު ހަވީރު 03:00 އަށް ޝެޑިއުލް ކޮށްފައިވާއިރު، ތިނެއް ޖެހުމާ ވަރަށް ގާތްވެފައިވަނިކޮށް ސަބަބެއް ނާންގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި 4 މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަތް ކާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އުފުލި ދޯނީގެ ދެ ކައްޕިންގެ އިތުރުން ނުރައްދީންއާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް އަދި ގެސްޓް ވިޔަފާރީގައި ހަރަކާތްތެރިވި ވިޔަފާރީގެ ދެ ބައިވެރިންނެވެ.

މީގެ 3 ދުވަސް ކުރިން ބޭއްވި މި މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދެމުން ނޫރައްދީންގެ ވިޔަފާރީގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔަކު ބުނެފައިވަނީ، ރިލްވާން ގެއްލުނު ދުވަސްވަރު ނޫރައްދީން ހުޅުމާލޭގައި ގެސްޓްހައުސް ވިޔަފާރީގައި ގެސްޓުން އުފުލުމަށް ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށާއި، އެ ކާރަކީ ކާކުގެ ކާރެއްތޯ ނޫރައްދީން ކައިރިން އެހުމުން އެއީ އާލިފްގެ ކާރެއް ކަމަށް ނޫރައްދީން ބުނެފައިވާކަމަށެވެ. އަދި އެ ކާރު ހެކިވެރިޔާގެ އިތުރުން ހުޅuމާލޭގައި ދުއްވާ އުޅެނީ ނޫރައްދީން ކަމަށާއި، ޢާއްމު ގޮތެއްގައި ރޭގަނޑު ކާރު ނުދުއްވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ނޫރައްދީނުގެ ވިޔަފާރީގެ ބައިވެރިންގެ ތެރެއިން ދެވަނަ މީހާ ހެކިބަސް ދެމުން ބުނީ، ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށާއި، ނަމަވެސް އެއީ ކާކުގެ ކާރެއްކަން އެނގިފައި ނުވާކަމަށެވެ. މި ހެކިވެރިޔާވެސް ބުނީ އެ ކާރު ބޭނުންކުރަނީ ފަތުރުވެރިން އުފުލުމަށް ކަމަށެވެ.

އެޕްރީލް 9 ވަނަ ދުވަހުގެ ޝަރީއަތުގައި ހެކިބަސްދެމުން ހެކިވެރިޔާ ބުނީ ރިލްވާން ގެއްލުނުރޭ މެންދަމުން އަލިވެ ތިނެއް ޖަހަންދެން ނޫރައްދީންއާއެކު ހުޅުމާލޭގައި އެމީހުން ހިންގާ ގެސްޓު ހައުސް ސަރަހައްދުގައި އުޅުނު ކަމަށާއި، ތިނެއް ޖަހާކަންހާއިރު އޭނާގެ ސައިކަލުގައި ނޫރައްދީން ދިރިއުޅޭ ގެއަށް ލާން ދިޔައީވެސް ހެކިވެރިޔާ ކަމަށެވެ. ހެކިވެރިޔާ ބުނީ ރިލްވާން ގެއްލުނު ދުވަސްވަރަކީ ގެސްޓުން ވަރަށް ގިނައިން އައި ދުވަސްވަރަކަށް ވުމުން ވަރަށް ބިޒީކޮށް ފިހާރައިގެ އެންމެން އެކީގައި އެރޭ އުޅުނީ ފިހާރަ ހުރި ހިސާބުގައި ކަމަށެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހު މާލެ އިން ހުޅުމާލެ އަށް ކާރު ގެންދިޔައިރު "މޯފާ 265" ނަމަކަށް ކިޔާ ދޯނި ދުއްވަން ހުރި ކައްޕީގެ އާއި ހުޅުމާލެ އިން މާލެ އަށް ކާރު ގެންދިޔައިރު ދޯނި ދުއްވަން ހުރި ކައްޕިން ހެކިބަސް ދެމުން ބުނީ، ރަތް ކުލައިގެ ކާރެއް މާލެއިން ހުޅުމާލެ އަދި ހުޅުމާލެ އިން މާލެ އަށް ގެންދިޔަ ކަމަށާއި، އެއީ ޕްރައިވެޓް ކާރެއް ކަމަށެވެ. ދޯނީގައި އުފުލިކަމަށް ބުނާ ކާރަކީ އެއީ ކާކުގެ ކާރެއް ކަމާއި ހުޅުމާލެ ގެންގޮސް މާލެ ގެނައީ އެއް ކާރެއްކަން މި ދެ ހެކިވެރިންނަށް ބުނެދޭން ނޭނގުނުއިރު، އާލިފާއި ނޫރައްދީން ދެއްކުމަށްފަހު އެ ދެމީހުން ކާރު ގެންދިއުމުގަޔާއި، ގެނައުމުގައި ހަރަކާތްތެރިވެރިވެފައި ވޭތޯ ސުވާލު ކުރުމުން އެ ދެ ކެޕްޓަނުން ބުނީ އެއިން އެއްވެސް މީހަކު އެކަމުގައި ބައިވެރިވެފައިވާކަން އެނގިފައި ނުވާކަމަށެވެ.

ދައުލަތުން ހެކިން ހުށަހެޅުމުގެ މަރުހަލާގައި މޫސާ ރިލްވާންގެ ނަން ހުށަހަޅާފައި ނެތުމުން ރިލްވާން ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނެގުމާމެދު ދައުލަތާއި ދިފާއޫ ވަކީލުންނާއި ހިޔާލިތަފާތުވެފައިވާއިރު، އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ގާޒީ ވިދާޅުވީ، އޭނާގެ ހެކިބަސް ނެގުމާމެދު ގޮތެއް ނިންމާނީ ދެ ފަރާތުންވެސް ހުށަހަޅާފައިވާ އެހެން ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުން ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި މީގެ ކުރިން ބާއްވާފައިވާ އަޑު އެހުމެއްގައި ރަށު ކޯޓެއް މެދުވެރިކޮށް ސިއްރުން ހެކިބަސް ދިން މީހަކު ބުނެފައިވަނީ، ރިލްވާން ގެއްލުނުރޭ މީހެއްގެ އަނގަމަތީ އަތް އަޅާ ބަންދުކުރާއިރު ހަޅޭލަވާފަދަ އަޑެއް އިވިގެން ބެލްކަނީއަށް ނުކުމެ ބެލިއިރު އެތަނުގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ކޮއްޕާލާ މަންޒަރު ފެންނަ ކަމަށާއި، އެއަށްފަހު އެ ކާރު ވަރަށް ބާރަށް ދުއްވާފައި ދިޔަ ކަމަށެވެ. އަދި އެ ވަގުތު އެ ތަނަށް އެއްޗެއް ވެއްޓުން މަންޒަރު ފެނުމުން އޭނާގެ ބައްޕައަށް އެކަމުގެ މައުލޫމާތު ދިނުމުން ބައްޕަ ތިރިޔަށްގޮސް ބެލިއިރު އެ ތަނުގައި ވަޅިއެއް އޮތުމުން އެކަން ފުލުހަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ. ސިއްރުން ހެކިބަސް ދިން މި މީހާއަށް އެވަހުތު އެތަނުން ފެނުނު އެއްވެސް މީހަކީ ކާކުކަން ބުނަން ނޭނގުނު ނަމަވެސް ހަޅޭއް ލެވީ ފިރިހެނެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 29 ހެއްކެއް އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ފަރާތުން ދިފާއުގައި ފަސް މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.