މަރާލާފައި އޮއްވާ ފެނުނު މަަޝްހޫރު ބްލޮގާރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ކްރިމިނަލްު ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އޮތީ ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

އެގޮތުން މި މައްސަލައިގައި ދަޢުވާ ލިބޭ، އިސްމާޢިލް ރަޝީދު ދިރިއުޅުނު ގޭގައި ހުންނަ ދެ ކޮޓަރީގެ ތެރެއިން ދެކުނު ފަރާތުގައި ހުރި ކޮޓަރި ބަލާ ފާސްކުރި، ސީން އޮފް ކްރައިމް އޮފިސަރގެ ހެކިބަސް މިއަދު ނެގިއިރު، އޭނާ ވަނީ އެ ކޮޓަރިން ފެނުނު ބައެއް ތަކެތީގެ މަޢުލޫމާތު ޝަރީޢަތާއި ޙިއްޞާކޮށްފައެވެ. މިއަދުގެ ޝަރީޢަތުގައި ހެކިބަސް ދެމުން އޭނާ ބުނީ، އެ ކޮޓަރި ތެރޭގައި ހުރި ކަބަޑެެއްގެ ތެރެއިން ގަމީހެއް ފެނުނު ކަމާއި، އަދި އެ ކަބަޑުގެ ތިރީ ވަތްގަނޑުން އާމީ ފަޓުލޫނެއް ފެނުނު ކަމަށެވެ. އަދި ޑްރެސިން ޓޭބަލް މަތީގައި ބާއްވާފައި އޮތް ތޮތްޕެއްވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.

އިސްމާޢިލް ރަޝީދު ދިރިއުޅުނު ގެއިން ފެނުނު މި ތަކެތީގެ އިތުރު މަޢުލޫމާތު ހެކިވެރިޔާ ހާމަކޮށްފައި ނުވާއިރު، އެތަން ބަލާ ފާސްކޮށްފައިވަނީ އިސްމާޢީލް ރަޝީދުގެ ހާޟިރުގައިތޯ ދަޢުލަތުން ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ، އެ ކޮޓަރި ބަލާފާސްކުރީ އޭނާގެ ހާޟިރުގައި ކަމަށާއި، އެކަމާއި ގުޅޭގޮތުން ތައްުޔާރުކޮށްފައިވާ ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވާނޭ ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި ހެކިވެރިޔާ ދިން ހެކިބަހާއި ގުޅިގެން އެއްވެސް ސުވާލެއް ކުރުމަށް ނެތް ކަމަށް، އިސްމާޢިލް ރަޝީދުގެ ވަކީލް، މަޢުމޫނު ޙަމީދު ވަނީ ވިދާޅުވެފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން، ތިން މީހެއްގެ ފަރާތުން ޖުމްލަ 25 ހެއްކެއް، ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. އެގޮތުން އިސްމާއިލް ރަޝީދުގެ ފަރާތުން 11 ހެއްކެއް، އަހްމަދު ޒިހާން ގެ ފަރާތުން 6 ހެއްކެއް އަދި ހައިޝަމް ރަޝީދުގެ ފަރާތުން 8 ހެއްކެއް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައަށް އިސްމާއިލް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ 11 ހެކި ނެގުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހާލައިގެން، އަންނަ މަހުގެ 15 އަދި 16 ވަނަ ދުވަހުއެވެ. އަދި އަހުމަދު ޒިހާން އާއި އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ޖުމްލަ 14 ހެކި ނެގުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.

މި އަޑުއެހުމުގައި ޝަރީޢަތުން ވަނީ މި މައްސަލަ ކުރިޔަށްގެންދާނެ ގޮތުގެ ތާވަލެއްވެސް އެކުލަވާލާފައެވެ. އެގޮތުން ދިފާޢުންނާއި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޭމް

    މަގޭ ކޮޓަރިން ފެންނާނެ ބޮކްސާވެސް

    10
    2
  2. ޖިންނި

    ކުރީގެ ރައީސް އެއްގެ ގެއިން ބަނގުރާ ފުޅިތަކެއް ވެސް ފެނުނު ކޮބާތަ އެ މައްސަލަ !

  3. ބޮޑު ހަސަންބެ

    ދިވެހި ފުލުހުންގެ ކިބައިގައި އިންވެސްޓިގޭޓްކުރުމުގެ ގާބިލްކަމެއް ނުހުންނާނެ. ހެކިތައްޖެހޭނީ އަމިއްލިއަށް ހިންގާފަ އެIހުންނާ ހަމައަށް އަންނަން ސަބަބަކީ އެމީހުންނަށް ހެކިތަކާ ހަމައަށް ދާނޭ ގާބިލުކަން ނުހުންނާތީ. އިންވެސްޓިގޭޝަންގެ އޭ.ބީ.ސީ އެންގިދާނެ ތިއޮރީނަް ބަޓް އަމަލުން އެކްން ކުރާކައް ނޭންގޭނެ. އެމީހުންގެ ސިކުނޑީގަ އެވަރުގެ ތެތް ކަމެއް ނުހުންނާނެ. ޕޮލިހަށް ޖޮއިންވާ ގިނަ މީހުންނަކީ ގޮތެއް ނެތިގެން ވަންނަ މީހުން. އިންޓަރެސްޓެއް ހުރެގެނެއް ނޫން. އެމީހުންގެ އެވަރޭޖް އަިކިއުވެސް ވަރަށް ދައްވާނެ.

  4. ލަޔަން

    ތީ ވަރަށް ބޮޑު ހެއްކެއް

  5. ހުސޭނުބޭ

    މަ އުޅޭ ކޮޓަރިން މުޅިން އާ ގަމީހާ ޖަނގިޔާ ފެންނާނެ! އާމީ ހެދުމާއި ބޫޓުވެސް ފެންނާނެ! އަންނަންވީނު ބަލަން!