މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ކުޅުންތެރިއާ ގެބްރިއެލް ޖެސުސް ސިޓީގައި ވީހާވެސް ގިނަ ދުވަހަށް ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއް އެކްލަބުން ކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ 22 އަހަރުގެ ޖެސުސް އެ ކްލަބަށް ސޮއިކުރީ 2016 ވަނަ އަހަރު ބްރެޒިލްގެ ޕަލްމެއިރާސް އިން 27 މިލިއަން ޕައުންޑްގެ ފީއެއްގަ އެވެ. ސިޓީ އަށް އެ އަހަރު ސޮއި ކުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ސީޒަނުގެ ބާކީ އޮތް ދުވަސްތައް ޕަލްމެއިރާސްގައި ހޭދަކުރުމަށްފަހު އޭނާ ސިޓީގެ ޖާޒީގައި ކުޅެން ފެށީ ޖެހިގެން އައި ޖެނުއަރީ މަހު އެވެ.

ޖެސުސް ވަނީ އޭނާ ސިޓީ އަށް ކުޅެދިން ފުރަތަމަ ދިހަ މެޗުގައި ހަތް ލަނޑު ޖަހައިފައެވެ. ޖެހިގެން އައި ސީޒަނުގައި 29 މެޗުން 13 ލަނޑު ޖެހި އިރު ޖެސުސް އަކީ އެފަހަރު ސިޓީން ރެކޯޑު ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ހޯދި އިރު އެޓީމުން އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއާ އެވެ.

ސިޓީއާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހަކަށް އައިސް އެންމެ މަތީ ފެންވަރުގައި ޖެސުސް އަށް ޕަފޯމް ނުކުރެވެ އެވެ. ޖެސުސް ސިޓީ އާއި ގުޅުނީ އެޓީމުގެ ފޯވަޑް ލައިން މިދިޔަ އަށް އަހަރު ލީޑު ކުރި އަދި ކްލަބަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އާޖެންޓީނާގެ ސާޖިއޯ އަގުއެރޯގެ ބަދަލަކަށެވެ. ސިޓީގެ ޖާޒީގައި ޖެސުސްގެ ތިންވަނަ ސީޒަންގެ މެދަކާއި ހިސާބަށް އާދެވުނު އިރު އެޓީމުގެ ފުރަތަމަ އެގާރައިން އަދިވެސް 31 އަހަރުގެ އަގުއެރޯ ބޭރުކޮށްލެވޭ ފެންވަރެއް ޖެސުސް އަކަށް ނުދެއްކެ އެވެ.

ރަނގަޅު ފެންވަރުގައި ޕާފޯމް ނުކުރެވުމުގެ ސަބަބުން ތަރިން ގިނަ ސިޓީ ޓީމުން ޖެސުސް އަށް ފަހަކަށް އައިސް ފުރުސަތު ލިބުން މަދުވެފައިވާއިރު އޭނާ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރެން ފަށައިފައެވެ. މި އަޑުތަކާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ޖެސުސް އަކީ ހުނަރު ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާ ކްލަބާއެކު އެންމެ ފަހުން ކޮންޓްރެކްޓް އާ ކުރީ ކްލަބުގައި އޭނާ މަޑުކުރަން ބޭނުންވާތީ ކަމަށެވެ.

ޖެސުސް މި ކްލަބަށް އައި ދުވަހުން ފެށިގެން އޭނާގެ ފަރާތުން ފެނުނު ކަންތައްތަކުން އަހަރެން އޭނާ އަށް ވަރަށް ގަޔާވި. އެންމެ ފަހުން ކްލަބާއެކު ކޮންޓްރެކްޓް އާ ކުރުމުގެ ކުރިން އަހަރެން އޭނާ އަށް ނަސޭހަތް ވެސް ދިނިން. އަގުއެރޯ ވެސް ކްލަބުގައި ހުރުމާއެކު ޓީމުން ފުރުސަތު ހޯދުމަށް އޭނާ އަށް ކުރިމަތިވާނެ ޗެލެންޖާ ގުޅޭގޮތުން. އަހަރެން ބުނިން އެގޮތް ކަމުނުދާނަމަ ކޮންޓްރެކްޓް އާ ނުކުރަން. އެކަމަކު އޭނާ ޖަވާބުގައި ބުނީ ތިމަންނަ ބޭނުމޭ ކްލަބުގައި މަޑުކުރަން، “ ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ޖެސުސް އަކީ ޒުވާން ކުޅުންތެރިއެއް ކަމުން އޭނާގެ މުސްތަގުބަލު އޮތީ އަދި ކުރިއަށް ކަމަށެވެ. އަދި އަގުއެރޯ ރިޓަޔާ ވުމާއެކު ކްލަބުގައި ޖެސުސް ބަހައްޓަން އޭނާ ބޭނުންވާ ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ސިޓީ އިން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރާނެ ކަމަށެވެ.

“ ޖެސުސް އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް. މުސްތަގްބަލު އޮތީ ކުރިއަށް. އޭނާ އަކީ މިހާރު ވެސް ފާމީނޯ އާއެކު ބްރެޒިލް ޓީމުގެ 9 ނަންބަރު ޕޮޒިޝަނަށް ކުޅޭ ކުޅުންތެރިއާ. ޖެސުސް އަށް ވުރެ ކުރިން އަގުއެރޯ ރިޓަޔާ ކުރާނެ. އެހެންކަމުން އަހަރެން ބޭނުން އޭނާ މި ކްލަބުގަައި ބަހައްޓަން. އެކަމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ސިޓީ އިން ކުރާނެ. އެކަމަކު އެ ނިންމުން ނިންމާނީ ކުޅުންތެރިއާ އަމިއްލަ އަށް،ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަގުއެރޯ އަށް އަނިޔާވެފައިވުމުން ކުރިއަށް ހުރި މެޗުތަކުގައި ފެންވަރު ދައްކާލުމުގެ ފުރުސަތު ޖެސުސް އަށް ލިބިގެންދާނެ އެވެ. ސިޓީ އަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޝަޚްތަރު ޑޮނެޓްސްކް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.